ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ އެއް ހާސް ދުވަސް މިއަދަށް ފުރިފައިވާއިރު، ޝަރުއީ ނިޒާމުން ނާޒިމަށް ދަނީ އަނިޔާ ދެމުން ކަމަށް އެ އާއިލާއިން ބުނެފި އެވެ.
އެގާރަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ނާޒިމް ޖަލުގައި ޖަލު ބަންދުގައި ހުންނަވާތާ އެއް ހާސް ދުވަސް ފުރުމާ ގުޅިގެން ނާޒިމްގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނާޒިމްގެ މައްޗަށް ހިންގާފައިވަނީ އަނިޔާވެރިކަމުގެ އިންތިހާ ޖަރީމާއެއްކަން ޝައްކެތް ނެތް މިންވަރަށް ހާމަވާ ކަމަށެވެ. އަދި ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލަ، ނާޒިމް ދިރިއުޅުއްވާ ގޭގައި ބާއްވާފައި އޮތީ އޭނާ ކަން އެނގޭނެ ހެއްކާއި ގަރީނާއެއް ނެތް ކަމަށެވެ.
ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ އެ ގެއިން ފެނުނު ފިސްތޯލައިން ނާޒިމްގެ ފިންގަރޕްރިންޓް ނުވަތަ ޑީއެންއޭ ލިބިފައިވުން ފަދަ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި، ޤާނޫނީ ހަމައިން ބޭރުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުން ނާޒިމްގެ މައްސަލަ އަލުން އިންސާފުވެރިކަމާއެކު ބައްލަވައި ޝަރީޢަތް ހިންގަވައިދެއްވުމަށް ނާޒިމްގެ ފަރާތުން އެދިވަޑައިގެންފައިވީ ނަމަވެސް މިއަދާ ހަމައަށް އައިރުވެސް އެކަމާ ގުޅިގެން އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާމެދު ނާޒިމްގެ ޢާއިލާގެ ފަރާތުން އިންތިހާ ދަރަޖައަށް ލަދުވެތިވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތް މެންދުރުގެ އިރު ފަދައިން ފާޅުވެފައިވާއިރު، ޝަރުޢީ ނިޒާމުގެ ތެރެއިން ފަރުވާއެއް ނުލިބި ހިނގާ ހަމަ ކޮންމެ ހިނދުކޮޅަކީ، އެކަމުގެ ސަބަބުން ނާޒިމަށާއި އެމަނިކުފާނުގެ ޢާއިލާއަށް ޝަރުޢީ ނިޒާމުގެ ތެރެއިން ދެވެމުންދާ އަނިޔާއެއްކަމުގައި ނާޒިމްގެ ޢާއިލާގެ ފަރާތުން ދެކި ހިތާމަކުރާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނާޒިމްގެ ޢާއިލާގެ ފަރާތުން އަބަދުވެސް އުންމީދުކުރަނީ، ދިވެހިރާއްޖޭގެ ޢަދުލު އިންސާފް ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަމުގެ އިޙްސާސް ދިވެހި ރައްޔިތުންނަށް ލިބިގެން ދިއުމަށެވެ.