"ސީކްރެޓް ސުޕަސްޓާ" އަށް 127 ކުރޯޑް އިންޑިއަން ރުޕީސް ލިބިއްޖެއެވެ.
މި ފިލްމަށް ލިބޭ ތަރުހީބު ދަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންނެވެ.
ފިލްމުގެ ތަރި އަދި ޕްރޮޑިއުސަރ އާމިރު ޚާން ވަނީ ފިލްމަށް ލިބުނު ކާމީޔާބީ ފާހަގަ ކުރުމަށް ހަފްލާއެއް ދާދިފަހުން ބާއްވާފައެވެ. އާމިރު ޚާން ވަނީ އެ ހަފްލާގައި "ސީކްރެޓް ސުޕަސްޓަރ" ޗައިނާގައި އެޅުވުމުގެ މަސައްކަތް ކުރަމުން ދާކަމަށް ބުނެފައެވެ. އެހެން ކަމުން މި ފިލްމަށް މިއަށް ވުރެ ދެގުނަ ފައިދާ ވާނެ ކަމަށް ބެލެވެއެވެ. އެއީ އާމިރުގެ "ޑަންގަލް" އަށް ވެސް ވަނީ ޗައިނާ ގައި ފިލްމު ރިލީޒްކޮށްގެން ބޮޑު އާމްދަނީއެއް ލިބިފައެވެ. ޗައިނާ އިން އެކަނި ވެސް އެ ފިލްމަށް ވަނީ 2,000 ކުރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. ޗައިނާގައި އާމިރު ޚާންގެ ފިލްމުތަކުގެ ތަރުހީބު ބޮޑެވެ. "ޑަންގަލް" ގެ އިތުރުން އާމިރު ޚާންގެ "ޕީކޭ" ވެސް ވަނީ ޗައިނާގައި އަޅުވާ ރަނގަޅު އާމްދަނީއެއް ހޯދާފައެވެ.
ބެލެވޭ ގޮތުގައި "ސީކްރެޓް ސުޕަސްޓާ" ޗައިނާގައި އަޅުވާނީ އާ އަހަރާ ދިމާކޮށެވެ.
"ސީކްރެޓް ސުޕަސްޓާ" އަކީ އާމިރް ޙާން އާއި ޒައިރާ ވަސީމްގެ އެކްޓިންގ ފެނިގެންދާ ފިލްމެކެވެ. ފިލްމުގައި ފެންނަނީ އަންހެން ކުއްޖަކު ލަވަ ކިޔަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އޭނާ އެކަން ހާސިލު ކުރުމަށް ދިމާވާ ގޮންޖެހުންތަކާއިއެކު ކުރާ މަސައްކަތްތަކެވެ. މި ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ އަންހެން ކުއްޖަކީ އާމިރުގެ "ޑަންގަލް" އިން އޭނާގެ ދަރިއެއްގެ ރޯލު ކުޅުނު ޒާއިރާ ވަސީމްއެވެ.
މި ފިލްމު 1100އަށް ވުރެ ގިނަ ސްކްރީނުގައި ވަނީ މިހާތަނަށް އަޅުވާފައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަދަވައިތު ޗަންދަން އެވެ.