ޖީސީއޯލެވެލްގައި ފަސް މާއްދާއިން ފަސްވާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ޔުނެސްކޯގެ 39 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އެޑިއުކޭޝަން ސިސްޓަމްގައި މަސައްކަތްކުރާ މުވައްޒަފުންގެ ބުރަ މަސައްކަތުން 2009 ވަނަ އަހަރު ޖީސީއޯލެވެލްގެ ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު 27 ޕަސަންޓުން 70 ޕަސަންޓް އަށް 2016 ވަނަ އަހަރު އިތުރުވެފައިވާ ކަމަށެވެ.
ރާއްޖޭގެ 90 ޕަސަންޓް އިންސައްތަ ކުދިން އޭލެވެލް އަދި އޯލެވެލް ނިންމާކަން ފާހަގަކުރައްވާ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި ޕްރީސުކޫލުން ފެށިގެން ސެކަންޑަރީ ސުކޫލާއި ހަމައަށް ދެ ޖިންސުގެ ކުދިންނަށް ވެސް ތައުލީމް ހަމަ ހަމަކަމާއިއެކު ލިބިގަނެ ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްފައިވާ ކަމަށެވެ.
ނެޝެނަލް ޑިވޮލޮޕްމަންޓް އެޖެންޑާގައި ހުރި އުސޫލުތަކާއި އެއްގޮތަށް ސަރުކާރުން ތައުލީމީ ދާއިރާއަށް ބަދަލުތައް ގެނެސްފައިވާކަން ޑރ. އާއިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ގެނެސްފައިވާ ބައެއް ބަދަލުތަކަކީ ކުދިންގެ ހުނަރު އިތުރު ކުރުމާއި ޓީޗަރުންގެ ކިބައިގައި ހުންނަން ޖެހޭ ފެންވަރުތައް ކަނޑައެޅުމާއި އެ ފެންވަރަށް ޓީޗަރުން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ސުކޫލްތަކުގައި އީ-ލާނިންގް ސިސްޓަމް ގާއިމްކުރުމެވެ.
ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ސާސްކަފުގެ ތަރައްގީގެ ލަނޑުދަނޑިތައް ނުވަތަ މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް (އެމްޑީޖީ) ގެ ތެރެއިން ހާސިލު ނުވެ ހުރި ދެ އެމްޑީޖީ ރާއްޖެ އިން ހާސިލް ކުރުމަށްޓަކާ މަސައްކަތް ކުރާނެ ކަމަށެވެ.
އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެންމެ ރަނގަޅު ގޮތަކީ މީހުން ބިނާ ކުރުވުން ކަމަށް ޑރ. އާއިޝަތު ޝިހާމް ވިދާޅުވިއެވެ. އަދި ސަރުކާރުން އިސްކަން ދެނީ ޒުވާނުންނާއި އަންހެނުންގެ އިތުރުން ކުޑަކުދިން ބާރުވެރި ކުރުވުމަށްޓަކައި ކަމަށްވެސް އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ޔުނެސްކޯގެ 39 ވަނަ ބައްދަލުވުން އޮކްޓޯބަރ 30 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.
.