މިދިޔަ ހަފްތާގައި ނެޓްފްލިކްސް އިން ވަނީ "ހައުސް އޮފް ކާޑްސް" ގެ އެކްޓަރ ކެވިން ސްޕޭސީ އަށް ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން އެ ސީރީޒް ދެއްކުން މެދު ކަނޑާލާފައިވާކަން އިއުލާން ކޮށްފައެވެ.
ސްޕޭސީގެ މައްޗަށް ދައުވާ އުފުލާފައި ވަނީ "ސްޓާ ޓްރެކް"ގެ ތަރިއެއް ކަމަށްވާ އެންތަނީ ރެޕްގެ އުމުރުން 14 އަހަރުގައި ޖިންސީގޯނާ ކުރަން އުޅުނު ކަމަށް ބުނެ ކޮށްފައިވާ ދައުވާއެވެ.
ނެޓްފްލިކްސް އިން ވަނީ "ހައުސް އޮފް ކާޑްސް" ދެއްކުން މެދުކަނޑާލިކަން އިއުލާން ކުރުމަށް ފަހު ހޮނިހިރު ދުވަހުގައި ސްޕޭސީ އެ ސީރީޒް އިން ދެން ނުފެންނާނެ ކަމަށާއި އޭނާ އެ ސީރީޒްއިން ދުރުކޮށްފައިވާ ކަމަށް އިއުލާން ކޮށްފައެވެ.
ނެޓްފްލިކްސް އިން ސްޕޭސީ ދުރުކޮށްފައިވާކަމަށް ބުނެ ނެރެފައިވާ އިއުލާންގައި ބުނެފައިވަނީ ނެޓްފްލިކްސް އިން ދައްކާ ސީރީޒް ކަމަށްވާ "ހައުސް އޮފް ކާޑްސް" އިން ކެވިން ސްޕޭސީ ދުރުކޮށްފައިވާ ކަމަށް ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ނެޓްފްލިކްސް އިން އުފައްދާ އާ ސީރީޒް "ގޯރޭ" ނުދައްކަން ނިންމާފައިވާ ކަމަށާއި އެ ފިލްމަކީ ކެވިން ސްޕޭސީ އެކްޓް ކޮށް ޕްރޮޑިއުސް ކޮށްފައިވާ ފިލްމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ސްޕޭސީއަށް ކޮށްފައިވާ ދައުވާގައި އޭނާ ބުނެފައި ވަނީ އެފަދަ ކަމެއް ހިނގި ކަމެއް އޭނާ މިހާރު ހަނދާނެއް ނެތް ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެންތަނީގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
އެމެރިކާގެ ކޮންގްރެސް މެމްބަރެއްގެ ދިރިއުޅުން ދައްކުވައިދޭ އަދި ސިޔާސީ މައިދާނެއްގައި ހިނގާ އެތައް ކަމެއް ދައްކުވައިދޭ "ހައުސް އޮފް ކާޑްސް" އަށް ވަނީ އެމީ އެވޯޑްސް އަދި ގޯލްޑަން ގްލޯބްސް ލިބިފައެވެ. މިއީ ވާހަކަ ލިޔުންތެރިޔާ މައިކަލް ޑޮބްސްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ.
"ހައުސް އޮފް ކާޑްސް" އިން ސްޕޭސީ ދެން ނުފެންނާނެ ކަމަށް އިއުލާން ކޮށްފައިވާއިރު ރިޕޯޓްތައް ބުނާގޮތުގައި އެ ސީރީޒް އިން ސްޕޭސީ ކުޅޭ ފްރޭންކް އަންޑަވޫޑް ގެ ރޯލުން އޭނާ މަރާލަން އެ ސީރީޒްގެ ޕްރޮޑިއުސަރުން ވަނީ ނިންމާފައެވެ.
"ހައުސް އޮފް ކާޑްސް" ގެ 6 ވަނަ ސީޒަން މިހާރު ދަނީ ޝޫޓް ކުރަމުންނެވެ.
ނެޓްފްލިކްސްގެ މި ނިންމުމާއެކު 2013 ވަނަ އަހަރު ފަށާފައިވާ "ހައުސް އޮފް ކާޑްސް"ގެ ސީޒަން 6 ދެއްކުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނައިކަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.