ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 17:41
ފްރޭންކީ ފްރީޑްރިކްސް: އޭނާގެ މައްޗަށް ވަނީ 230000 ޕައުންޑްގެ ރިޝްވަތުގެ ޗެކެއް ގަބޫލް ކުރި ކަމުގެ ކުށް ސާބިތުވެފައި
ފްރޭންކީ ފްރީޑްރިކްސް: އޭނާގެ މައްޗަށް ވަނީ 230000 ޕައުންޑްގެ ރިޝްވަތުގެ ޗެކެއް ގަބޫލް ކުރި ކަމުގެ ކުށް ސާބިތުވެފައި
ގެޓީ އިމޭޖަސް
އައިއޯސީގެ ކޮރަޕްޝަން
އައިއޯސީގެ އިސް އޮފިޝަލެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެއްޖެ
ފްރީޑްރިކްސްގެ މައްޗަށް ވަނީ 230000 ޕައުންޑްގެ ޗެކެއް ގަބޫލް ކުރި ކަމުގެ ކުށް ސާބިތުވެފައި
ފްރީޑްރިކްސް މި ތުހުމަތުތަކަކަށް އިންކާރު ކޮށްފައިވޭ
ބެލެވޭ ގޮތުގައި ފްރީޑްރިކްސް އުމުރު ދުވަހަށް ކުޅިވަރާ ގުޅޭ ހުރިހާ ކަމަކުން ސަސްޕެންޑް ކުރެވިގެން ދާނެ

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ އިސް އޮފިޝަލެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެއްޖެއެވެ.

ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވަން ނިންމާފައިވާ އޮލިމްޕިކް ގޭމްސްގެ ބިޑް އިވެލިއުއޭޝަން ކޮމިޓީގެ ޗެއާމަން ކަން ކުރަމުން ދިޔަ ނެމިބިއާގެ ފްރޭންކީ ފްރީޑްރިކްސްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ފްރާންސްގެ ކޯޓަކުން ވަނީ ނިންމާފައެވެ. އެގޮތުން އުމުރުން 50 އަހަރުގެ ފްރީޑްރިކްސްގެ މައްޗަށް ވަނީ 230000 (ދެ ލައްކަ ތިރީސް ހާސް) ޕައުންޑްގެ ރިޝްވަތުގެ ޗެކެއް ގަބޫލް ކުރި ކަމުގެ ކުށް ސާބިތުވެފައެވެ. އެނާ މި ފައިސާގައި ހިފިކަމަށް ތުހުމަތު ކުރެވުނު އިރު ހުރީ އެ ކޮމިޓީގެ ޗެއާމަންގެ ގޮތުގައި ކަމުގައި ވިޔަސް މި ތުހުމަތުތަކާއެކު އޭނާ އިސްތިއުފާ ދިނެވެ.

އޭނާ މި ރިޝްވަތުގެ ފައިސާގައި ހިފާފައި ވަނީ 2016 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ބްރެޒިލްގެ ރިއޯ ޑެ ޖެނީރޯގައި ބޭއްވުމަށް އިއުލާނުކުރި ދުވަހު ކަމަށް ތަހުގީގަށް ވަނީ ސާބިތުވެފައެވެ. އޭނާއަށް މި ފައިސާ ހުށަހަޅާފައިވަނީ ކުރީގެ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑެރޭޝަން (އައިއޭއޭފް) ގެ ދަރިފުޅު ލަމިއޭން ޑިއަކް ކަމަށް ވެސް ތަހުގީގަށް ވަނީ ސާބިތުވެފައެވެ. އެހެނަސް ފްރީޑްރިކްސް މި ތުހުމަތުތަކަކަށް އިންކާރުކޮށް ބުނެފައިވަނީ އެ ފައިސާއަކީ އޮލިމްޕިކް ބިޑާ އެއްވެސް ގުޅުމެއް ހުރި ފައިސާ ނޫން ކަމަށާއި އެއީ އައިއޭއޭއެފްއަށް ކޮންސަލްޓަންސީ އަދި ޕްރޮމޯޝަނަލް ހަރަކާތްތަށް ހިންގުމަށް ދީފައިވާ ފައިސާ ކަމަށެވެ.

އައިއޯސީގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައިވަނީ ފްރާންސްގެ ކޯޓުން ނިންމި ނިންމުމާ ބެހޭ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށާއި އެ އިދާރާގެ އެތިކްސް ކޮމިޓީއިން އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގައި ފްރީޑްރިކްސްއާ ދެކޮޅަށް އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތަށް އަޅާނެ ކަމަށެވެ. އޭނާގެ މައްޗަށް މި ތަހުގީގު ހިންގާފައިވަނީ ބައިނަލްލަގުވާމީ ކުޅިވަރު އިވެންޓްތަށް ބޭއްވުމުގެ ވޯޓު ގަނެވިއްކާ މައްސަލަ ތަހުގީގު ކުރާ ފްރާންސްގެ ފަޑިޔާރެކެވެ.

ބެލެވޭ ގޮތުގައި ފްރީޑްރިކްސް އުމުރު ދުވަހަށް ކުޅިވަރާ ގުޅޭ ހުރިހާ ކަމަކުން ސަސްޕެންޑް ކުރެވިގެން ދާނެއެވެ. ފްރީޑްރިކްސްއަކީ އައިއޭއޭއެފްގެ ޓާސްކް ފޯހުގައި ވެސް ހިމެނޭ ނުފޫޒު ގަދަ މެމްބަރެކެވެ. އެހެނަސް އެ އިދާރާއިން ވަނީ ރަޝިއާގެ އެތްލީޓުން މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ދިން ސަސަޕެންޝަނުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިގެން ޖުލައި މަހުން ފެށިގެން އެ އިދާރާގެ ހުރިހާ މަސައްކަތަކުން ވެސް ފްރީޑްރިކްސް ސަސްޕެންޑް ކޮށްފައެވެ.

ފްރީޑްރިކްސްއަށް ބޮޑު ސަސްޕެންޝަނެއް އައުން ގާތްއިރު އޭނާ ވަނީ ހަތަރު ފަހަރެއްގެ މަތިން އޮލިމްޕިކް 100 މީޓަރު ދުވުމާ 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ. އަދި އޭނާއަކީ ނެމިބިއާގެ ތާރިހުގައި ވެސް އެ ގައުމަށް އޮލިމްޕިކް ގޭމްސްއިން މެޑަލްއެއް ގެނެސްދިން ހަމައެކަނި އެތުލީޓެވެ.

- ކޮމެންޓް