ގެވެށި އަނިޔާއަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ. ގެވެށި އަނިޔާ މީހަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދެވިދާނެއެވެ. ނަފްސާނީ ގޮތުން ދެވޭ އަނިޔާތަކަށް މާބޮޑު އަހަންމިއްޔަތުކަމެއް މުޖުތަމައުގައި ދެވިފައިނުވާއިރު ނަފްސާނީ ގޮތުން ދެވޭ އަނިޔާތައް ބޮޑުވެފައި ގިނަ ދުވަހަށް ދެމިހުރެއެވެ. އެހެން ނަމަވެސް ޖިސްމާނީގޮތުން ދެވޭ އަނިޔާއަކީ ވެސް ކުޑަ އަނިޔާއެއް ނޫނެވެ.
އާންމު ގޮތެއްގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުން ގިނަ ނަމަވެސް ކޮންމެވެސް ވަރަކަށް ފިރިހެނުން ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އަންހެނުންގެ ތެރެއިން 70 ޕަސަންޓް އިންސައްތަ އަންހެނުންނަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ. ހަޤީޤަތުގައި ގެވެށި އަނިޔާ މީހަކަށް ދެވޭ ހިސާބަކީ ކައިވެންޏެއް ކޮށްގެން ނުވަތަ ކުއްޖަކާ ރައްޓެހިވެގެން އުޅޭއިރު އަމީހެއްގެ ބާރުވެރިކަން ތިބާގެ މައްޗަށް ފޯރުވަން މަސައްކަތްކޮށް، އެމީހަކު ތިބާގެ ކޮންޓްރޯލްގެ ދަށަށް ގެންނަން މަސައްކަތް ކުރާ ހިސާބުންނެވެ. އަދި އެމީހާ ހިތް އެދޭ ގޮތަށް ކަންތައް ނުވުމުން ތިބާއަށް އަނިޔާ ކޮށް އެކި ގޮތްގޮތުން ބިރު ދައްކަން ފައްޓާ ހިސާބުންނެވެ.
ގެވެށި އަނިޔާ ކުރާ ފަރާތްތަކުން އާންމު ގޮތެއްގައި އަމަލުކުރަނީ އެއްގޮތަކަށް ނުވަތަ އެއް ސައިކަލް އެއްގެ ތެރެއިން ކަމަށް ތަފާތު ދިރާސާތަކުން ދައްކައެވެ.
އެގޮތުން ތިބާއަށް އަނިޔާކުރުމަށްފަހު އެކަމާއި ދެރަވެ ހިތާމަކުރާ ކަމަށް ދައްކައެވެ. އެއަށްފަހު އެކަން ފޮރުވުމަށްޓަކައި ތިބާ ހިތްރުހޭހާ ގޮތަކަށް ކަންތައްތައް ކުރެއެވެ. އެއަށްފަހު ތިބާ ފަރާތުން ކުށެއް ފެނޭތޯ ނުވަތަ ތިބާގެ ފަރާތުން ކަމެއް ނުފެނުނަސް ކޮންމެވެސް ބަހާނެއް ދައްކައިގެން ތިބާގެ ކުށްދައްކައި އަލުން އޭނާ ތިބާ ގެންގުޅެން ބޭނުންވާ ގޮތަށް ބާރުގެ ދަށަށް ގެންނަން މަސައްކަތްކޮށް އެކަން އެހެން ނުވުމުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާތައް ދޭން ފައްޓައެވެ.
ތިރީގައިވާ ކަންތައްތައް ތިބާގެ ލޯބިވެރިޔާ ނުވަތަ ފިރިމީހާ ފަރާތުން ފެންނަ ކަމުގައިވާނަމަ ތިމާ ދިރިއުޅެމުންދަނީ "އެބިއުސިވް ރިލޭޝަނެއް"ގައި ކަމަށް ތަފާތު އެކި ދިރާސާތަކުން ބުނެއެވެ.
ތިބާ އާއި ދިމާލަށް ހަޅޭލަވައި މީހުންގެ ކުރިމަތީގައި އަގު ވައްޓާ ހަދާތަ؟
ތިބާގެ އަގެއް ނެތްކަން ދައްކާ އާއިލާ އާއި ރައްޓެހިން ކުރިމަތީގައި އެކަން ދައްކާތަ؟
ތިބާއަށް ލިބޭ ކުރިއެރުންތަކަށް ހުރަސް އަޅައި ތިމާ ކަންކަމުގައި ވިސްނާ ގޮތަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށް ދެކޭތަ؟
އޭނާ ތިބާއަށް އަނިޔާކުރުމުން އެކަން އެގޮތަށް ވާން ދިމާވީ ތިބާގެ ސަބަބުން ކަމަށް ބުނޭތަ؟
ތިބާ އާއިލާ މީހުންނާއި ރައްޓެހިންނާއި ބައްދަލުކުރުމަށް ހުރަސް އަޅާތަ؟
ތިބާ އޭނާ ދޫކޮށްފައި ހިނގައްޖެނަމަ އަމިއްލައަށް މަރުވާނަމޭ ބުނެ ބިރުދައްކާތަ؟
ތިބާގެ ދަރިން ތިބާއާއި ދުރުކުރާނެ ކަމަށް ބުނެ އިންޒާރުދޭތަ؟
ވަރަށް އާދަޔާ ހިލާފު ރުޅިގަނޑެއް ހުރޭތޯ؟
ތިބާއަށް އަނިޔާ ކުރާނަމޭ ބުނެ ބިރުދައްކައި ހަދާތޯ؟
ހުރިހާ އެންމެންވެސް ވިސްނަންވީ ކަމަކީ ތިމާއަށް އެފަދަ ކަމެއް ކުރިމަތިވެފައިވާ ނަމަ ނުވަތަ ކުރިމަތިވަމުންދާ ކަމުގެ އިހްސާސްކުރެވޭނެ ނަމަ އާއިލާ މީހަކާއި ނުވަތަ ރައްޓެސަކާއި އެކަން މަޝްވަރާކޮށް އެކަމަށް ހައްލެއް ހޯދުމެވެ. ތިމާގެ ހަޔާތުގެ ބައިވެރިއަކަށް ވާންޖެހޭނީ ތިމާގެ އިހްސާސްތައް ދަންނަ ތިމާއަށް ގަދަރުކުރާ އަޅާލާ އަދި ތިމާއަށް ރަގަޅަށް ގެންގުޅެވޭނެ ފެންވަރު މީހަކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެއެވެ.