ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 16:37
މުހައްމަދު ސަލާހް: މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ
މުހައްމަދު ސަލާހް: މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: މަރިބޯ ބަލިކޮށް ދެވަނަ ބުރާ ގާތަށް ލިވަޕޫލް ޖެހިލައިފި
މަރިބޯއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 3-0 އިންނ
ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސްޕާޓަކް މޮސްކޯ ބަލިކޮށްފައި
މި ގްރޫޕުގެ އެއްވަނައިގައި އަށް ޕޮއިންޓާއެކު އޮތީ ލިވަޕޫލް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްލެވޭނިއާގެ މަރިބޯ ބަލިކޮށް ދެވަނަ ބުރުގެ ޖާގައަކާ ގާތަށް ލިވަޕޫލް ޖެހިލައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް 'އީ' ގައި އަމިއްލަ ދަނޑުގައި މަރިބޯއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 3-0 އިންނެވެ. މި ދެ ޓީމު މިދިޔަ މަހުގެ 17 ވަނަ ދުވަހު ސްލޮވޭނިއާގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ވެސް ލިވަޕޫލުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލްއަށް ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބިފައި ވަނީ އެ ޓީމުގެ ފޯވާޑް ރޮބާޓޯ ފިރްމީނޯއަށެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޗެމްބަލިން ނަގައިދިން ހުރަހަކުން އޭނާ ފޮނުވާލި ހަމަލާ މަރިބޯގެ ކީޕަރު ޖަސްމިން ހަންޑަނޮވިޗް ވަނީ ދިފާއު ކޮށްފައެވެ. ފުރަތަމަ ހާފު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ލިވަޕޫލުން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ގިނަ ވަގުތު މަރިބޯގެ ހާފުގައި ބޯޅަ ގެންގުޅެފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށުގެން ހަތަރު މިނެޓު ނުވަނީސް މުހައްމަދު ސަލާހް ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދިނެވެ. އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާ ކުރަން ލިބުނު ޕެނަލްޓީ ޖޭމްސް މިލްނާ ބޭކާރު ކޮށްލިއިރު އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި މިލްނާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޖަހައިދިނީ އެމްރޭ ޗާންއެވެ. ލިވަޕޫލްއަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ވެގެން ދިޔައީ އިތުރު ވަގުތުގެ ތެރޭގައި އަލްބާޓޯ މޮރޭނޯ ނަގައިދިން ހުރަހަކުން ޑެނިއެލް ސްޓަރިޖް ލަނޑެއް ޖަހައި ދިނުމުންނެވެ.

ބުދަ ދުވަހުގެ ރޭގެ މެޗުން މޮޅުވުމާއެކު 2009 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކްއަޓު ބުރުން ޖާގަ ހޯދުމަށް ލިވަޕޫލް ކުރަމުން އަންނަ މަސައްކަތްތަކަށް ވަނީ އިތުރު ކުރިއެރުންތަކެއް ލިބިފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސްޕާޓަކް މޮސްކޯ ބަލިކޮށް ފުރަތަމަ މެޗުގައި ހިތްދަތި ގޮތަކަށް އެ ޓީމު ބަލިވި މެޗަށް ބަދަލު ހިފާފައެވެ. ފޯރިގަދަ ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސެވިއްޔާ އިންނެވެ.

އެވާ ބަނޭގާ ތަނަވަސް ކޮށްދިން ފުރުސަތަކުން މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކްލެމެންޓް ލެންގްލެޓްއެވެ. ސެވިއްޔާގެ ދެވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ޕަބްލޯ ސަރާބިއާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޖަހައިދިނީ އެވާ ބަނޭގާއެވެ. ސްޕާޓަކްއަށް ނަތީޖާގެ ފަރަގު ކުޑަ ވެގެން ދިޔައީ 78 ވަނަ މިނެޓުގައި ޒެ ލުއިސް ޖަހައިދިން ލަނޑުންނެވެ.

މި ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު އެއްވަނައިގައި އަށް ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު ތިން ވަނައިގައި ފަސް ޕޮއިންޓާއެކު އޮތީ ސްޕާޓަކް މޮސްކޯއެވެ. އަދި ތާވަލުގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ މަރިބޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް