ޖުވެންޓަސް ދޫކޮށްލުވުމަކީ ހެދުނު ގޯހެއް ކަމަށް ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ ބުނެފިއެވެ.
ޗެލްސީއާ ގުޅުމުގެ ކުރިން މޮރާޓާ ވަނީ ޖުވެންޓަސްގައި ކާމިޔާބު ދެ ސީޒަން ވޭތުކޮށްފައެވެ. އެގޮތުން 2014 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށްލުމަށް ފަހު ޖުވެންޓަސްގައި ވޭތުކުރި ދެ އަހަރުގެ ތެރޭގައި މޮރާޓާ ވަނީ އެ ޓީމުގައި މުހިންމު ރޯލެއް އަދާކޮށް ކުޅުނު 63 މެޗުގައި 15 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ މި ދެ ސީޒަނުގައި އިޓާލިއަން ސެރީއޭ އާއި އިޓާލިއަން ކަޕް އެ ޓީމުން ކާމިޔާބުކުރިއިރުގެ އިތުރުން 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ފައިނަލުގައި އެ ޓީމު ވާދަކުރިއިރު މުހިންމު ރޯލެއް އަދާކޮށްފައެވެ.
އޭނާ ޖުވެންޓަސްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރެއާލްއިން 30 މިލިއަން ޕައުންޑް ހުށަހަޅައި ދެވަނަ ފަހަރަށް އޭނާގެ ސޮއި ހޯދިއެވެ. އެހެނަސް ރެއާލްގައި ފުރުސަތު ނުލިބުމާއެކު އޭނާ ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 60 މިލިއަން ޕައުންޑަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ބަދަލުވެފައެވެ.
ޖުވެންޓަސްއާ ބެހޭގޮތުން ވާހަކަ ދައްކަމުން މޮރާޓާ ބުނެފައި ވަނީ އޭނާ އެ ޓީމަށް ދިޔައީ ކުޑަ ކުއްޖެއްގެ ގޮތުގައި ކަމަށާއި އެހެނަސް އެ ޓީމުގައި ހޭދަކުރި ދެ ސީޒަނުގައި އޭނާއަށް ކުޅުންތެރިޔެއްގެ ގޮތުގައި ބޮޑުވެ ދުނިޔެއަށް ލޯ ހުޅުވިގެން ދިޔަ ކަމަށެވެ. އަދި ރެއާލްއަށް އަލުން އެނބުރި ދިޔުމުން ވެސް އޭނާއާ މެދު ކަންތައްތައް ކޮށްފައިވަނީ ކުޑަކުއްޖަކާ މެދު ކަންކަން ކުރާ އުސޫލުން ކަމަށް މޮރާޓާ ބުނެފައިވެއެވެ. އަދި އިޓަލީގެ ދިރިއުޅުން މަތިން ވަރަށް ހަދާންވާ ކަމަށާއި އޭނާ އިޓަލީގައި ދިރިއުޅެން ބޭނުންވި ކަމުގައި ވިޔަސް އޭނާގެ އަންހެނުން ބޭނުންވަނީ އަމިއްލަ ގައުމު ކަމަށްވާ ސްޕެއިންގައި ކަމަށް މޮރާޓާ ބުނެފައިވެއެވެ.
މޮރާޓާ ބުނެފައިވަނީ ސެރީއޭ އަކީ އޭނާ ކުޅުނު އެންމެ އުނދަގޫ ލީގު ކަމަށާއި އެ ލީގަކީ ވަރަށް އޯގަނައިސްޑް ޓީމުތަކާ ވަރުގަދަ ޑިފެންޑަރުންނާ ދެކޮޅަށް ކުޅޭ ލީގަކަށް ވާތީ ކަމަށެވެ. އަދި ސްޕެއިނިޝް ލަލީގާގައި ކުޅުންތެރިން ބަރޯސާވަނީ ޓެކްނިކްއަށް ކަމަށާއި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުންތެރިން ބިނާވަނީ އެ ކުޅުންތެރިންގެ ފިސިކަލްއަށް ކަމަށް މޮރާޓާ ބުނެފައިވެއެވެ.
މޮރާޓާ ބުނެފައިވަނީ އޭނާ ޗެލްސީއާ ގުޅުނީ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު މަސައްކަތް ކުރަން ކަމަށާއި އެ ޓީމާއި ގުޅެން މާކުރިން ވެސް ނިންމާފައިވާ ކަމަށެވެ. އަދި ކޮންޓޭ ކުޅުވަން އުޅޭ ފުޓްބޯޅައާ އޭނާގެ ކުޅުމާ ވަރަށް ގުޅޭ ކަމަށާއި ޗެލްސީގައި ސްޕެއިންގެ ކުޅުންތެރިން ގިނަވުމަކީ އޭނާއަށް ވަރަށް ފަސޭހަވާ ކަމެއް ކަމަށް މޮރާޓާ ބުނެފައިވެއެވެ.
ހަމައެހެންމެ މޮރާޓާ ވަނީ ޗެލްސީގައި އޭނާ މަޑުކުރަން ބޭނުންނުވާ ކަމަށް މީޑިއާތަކުން ފަތުރަމުންދާ ރިޕޯޓުތަކަށް ރައްދު ދީފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ޗެލްސީގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި ޗެލްސީއިން 10 އަހަރުގެ ކޮންޓްރެކްޓެއް އޭނާއަށް ހުށަހެޅި ކަމުގައި ވިޔަސް އެ ކޮންޓްރެކްޓެއްގައި ސޮއި ކުރާނެ ކަމަށެވެ. އަދި ލަންޑަންއަކީ ވަރަށް ހިތްގައިމު ސިޓީއެއް ކަމަށާއި އެހެނަސް ރިޓަޔާ ކުރުމަށްފަހު ސްޕެއިންއަށް އަނބުރާ ދާނެ ކަމަށެވެ.