ގައުމީ ފިލްމު އެވޯޑްސްގެ ނަން ދިވެހި ފިލްމު އެވޯޑްސް އަށް ބަދަލުކޮށް އެވޯޑަށް ވާދަކުރާނެ ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމައިފި އެވެ.
ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އިން އާންމުކޮށްފައިވާ ބަޔާނުގައިވާ ގޮތުން، މިފަދަ އެވޯޑެއް ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީ ކޮށް ދެމެހެއްޓުމެވެ.
އެގޮތުން 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިއަލަށް ނެރެފައިވާ ފިލްމުތަކަށް އެވޯޑް ދިނުމުގެ ހަފްލާ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިވެހި ފިލްމު އެވޯޑްސް އަށް ފިލްމުތައް ބައިވެރިކުރުމަށް 01 ނޮވެމްބަރުން ފެށިގެން ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ފިމްލުތައް ބައިވެރި ކުރުމުގެ އެންމެ ފަހު ތާރީހަކީ 15 ނޮވެމްބަރު އެވެ. "ދިވެހި ފިލްމު އެވޯޑްސް 8" ގެ އުސޫލު އަދި ބައިވެރިވުމަށް އެދޭ ފޯމް އެންސީއޭގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މިފާއިތުވެދިޔަ ދެ އަަހަރުވެސް ގައުމީ ފިލްމު އެވޯޑް ދީފައިވެ އެވެ. އެގޮތުން 2015 ވަނަ އަހަރު އެވޯޑް ހަފްލާފައި އެވޯޑް ދީފައިވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ނެރެފައިވާ ފިލްމުތަކަށް ހާއްސަކުރެވިގެންނެވެ. އަދި 2016 ވަނަ އަހަރު އެވޯޑްދީފައި ވަނީ 2011 ވަނަ އަހަރުން 2013 ވަަނަ އަހަރުގެ ނިއަލަށް ނެރުނު ފިލްމުތަކަށެވެ.
މިއަހަރުގެ ޑިސެމްބަރު މަހު ދިވެހި ފިލްމު އެވޯޑްސް ދިނުމަށް ނިންމާފައިވީ ނަމަވެސް، އެވޯޑް ހަފްލާ ބާއްވާނެ ވަކި ދުވަހެއް އަދި މިހާތަނަށް ހާމަކޮށްފަ އެއް ނުވެ އެވެ.