އަވަށްޓެރި އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންގްލޭންޑް ހޯދައިފިއެވެ.
ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި 66000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗު ސްޕެއިންއާ ވާދަކޮށް އިންގްލޭންޑުން ކާމިޔާބު ކޮށްފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
ގިނަ ލަނޑުތަކެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ސްޕެއިން އިންނެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސާޖިއޯ ގޯމޭޒްއެވެ. މި ލަނޑަށް ފަހު ވެސް ސްޕެއިން އިން ރަނގަޅަށް ކުޅުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ 31 ވަނަ މިނެޓުގައި އަނެއްކާ ވެސް ގޯމޭޒް ލަނޑެއް ޖަހާ ސްޕެއިންއަށް ލީޑު ފުޅާ ކޮށްދިނުމެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލޭންޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ރަޔާން ބްރޫސްޓާއެވެ.
ފުރަތަމަ ހާފު 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެން ނިމިގެން ދިޔައިރު އިންގްލޭންޑުން ވަނީ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކައި ލަނޑު ޖެހެމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި އިންގްލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މޯގަން ގިބްސްއެވެ. މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ފިލް ފޯޑެން ކަމަށްވާއިރު 84 ވަނަ މިނެޓުގައި މާކް ގުއޭހީ ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އިންގްލޭންޑަށް ޗެމްޕިއަންކަން ޔަގީން ވެގެން ދިޔައީ 88 ވަނަ މިނެޓުގައި ފޯޑެން ޖަހައިދިން ލަނޑުންނެވެ.
މި މުބާރާތުގެ ގޯލްޑެން ބޯލް ލިބިފައިވަނީ އިންގްލޭންޑުގެ ފިލް ފޯޑެންއަށެވެ. ސިލްވާ ބޯލް ސްޕެއިންގެ ސާޖިއޯ ގޯމޭޒްއަށް ލިބުނުއިރު ބްރޯންޒް ބޯލް ލިބިފައިވަނީ އިންގްލޭންޑުގެ ރަޔާން ބްރޫސްޓާއަށެވެ. މި އަހަރުގެ މުބާރާތުގައި ޖެހި އަށް ގޯލާއެކު ރަން ބޫޓު ގެންދިޔައީ އިންގްލޭންޑުގެ ރަޔާން ބްރޫސްޓާއެވެ. އެންމެ މޮޅު ކީޕަރުގެ އެވޯޑު ބްރެޒިލްގެ ގެބްރިއެލް ބްރަޒާއޯއަށް ލިބުނުއިރު ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ބްރެޒިލްއެވެ.
މިއީ އިންގްލޭންޑުން 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރަށްވާ އިރު އެ ގައުމުގެ 19 އަހަރުން ދަށުގެ ޓީމު ވަނީ މި އަހަރު ބޭއްވުނު 19 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ.