ޕީޕީއެމް އިން ހިންގާ ސިޔާސީ ހަރަކާތްތަކަށް ފައިސާ ހަރަދު ކުރަނީ ސަރުކާރުން ކަމަށް ތުހުމަތު ކުރައްވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު މ.ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ފެންނަމުންދާ މަންޒަރަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ދައުލަތުގެ މުވައްޒަފުން ބޭނުންކުރެވިގެންދާ މަންޒަރު ކަމަށާއި ސަރުކާރުން އެފަދަ ހަރަކާތްތައް ހިންގުމަށް ހޭދަކުރާ ކުރާ ކަމުގެ ތުހުމަތު ކުރައްވާ ކަމަށެވެ.
އިންތި ވިދާޅުވީ މިކަންތައްތަކާއި މެދު ޝައްކު އުފެދިފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އެ ހަރަދުތައް ކުރަނީ ކޮން އުސޫލެއްގެ ދަށުން ކަމެއް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭނެ ކަމަށެވެ.
ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ސަރުކާރުން ބޭނުން ކުރާކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ ދައުލަތުގެ މީޑިއާއިން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ހަރަކާތްތައް ހަމައެކަނި ބްރޯޑްކާސްޓް ކުރާ ކަމަށާއި އެހެން ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ދައުލަތުގެ މީޑިއާއިން ލައިވް ކޮށާއި ޚަބަރުގައިވެސް ނުގެނެސްދޭ ކަމަށެވެ. މިކަމަކީ ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ސަރުކާރުން ބޭނުން ހިފާކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރަށަކަށް ވަޑައިގަތުމުގެ ކުރިން ސަރުކާރާއި އިނދިކޮޅު ހަރަކާތްތައް ހިންގާ ފަރާތްތަކުގެ މުދާ އަތުލުމުގެ ކޯޓު އަމުރު ނެރެ، އެ ރަށަކަށް ހަތިޔާރު އެޅި ފުލުހުންނާއި ސިފައިން އަރައިގެން ރައްޔިތުންނަށް ބިރު ހީވާކަހަލަ ގޮތަށް އުޅޭ ކަމަށެވެ.
"ކޯޓުގެ އަމަރު މި ނެރެނީ ފުރަތަމަވެސް. އޭގެ ސުރުހީގައިވެސް އޮންނަނީ މުދާ އަތުލުމުގެ އަމުރު، ދެން އޭގެ އިތުރު ތަފްސީލުތަކަށް ބަލާއިރު މިއިންނަނީ ރައިސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާތީވެ ރައިސުލް ޖުމްހޫރިއްޔާ އާއި ދެކޮޅަށް އިހުތިޖާޖް ކުރާނެކަމަށް ބެލެވޭތީވެ އެ ރަށުގެ ސިޔާސީ ހަރަކާތްތައް ނުވަތަ އާންމު ރައްޔިތުންގެ އަޑު ގަދަކުރާ ތާޅަފިލި އަތުލުމާއި ބެނާއެއް އޮތިއްޔާ އެ ބެނާއެއް އަތުލުމާއި މާ ވަރުގަދަ ދިދައެއް ހުރިކަމުގައިވަނީނަމަ ދިދަ އަތުލުމާއި މިފަދަ ކަންކަން ކުރުމުގައި ފުލުހުންގެ ބާރުވެރިކަން ދައްކާ ބާރުގެ ބޭނުން ހިފުމުގެވެސް ހުއްދަދެމޭ ވިދާޅުވެ ހުންނަ ކޯޓް އަމުރުތައް މި ނެރެނީ" އިންތި ވިދާޅުވިއެވެ.
މިފަދަ ގޮތަކަށް ސަރުކާރުން އަމަލުކުރުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކަންބޮޑުވާ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން އިންތި ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ޖަލްސާއެއް ނޮވެމްބަރ 02 ވަނަ ދުވަހު ހއ. ދިއްދޫގައި އޮންނާނެ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ހުރީ ފަރާތްތަކުން ޖަލްސާއަށް ވަޑައިގަތުމަށް އިންތި ވަނީ ދައުވަތު އަރުވާފައެވެ.