ކޭކު އެޅުމަކީ ފަސޭހަ ކަމެއް ނޫނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި ކޭކު އަޅައި ނިންމުމަށް ފަހު އެ ކޭކް ޑެކަރޭޓް ކުރުމާއި ޑިޒައިން ކުރުމަށް ހޭދަވާ ވަގުތު ވަރަށް ގިނައެވެ. އެއީ ބާތްޑޭ ޕާޓީކޭކަށްވިޔަސް ވެޑިން ކޭކަކަށްވިޔަސް އަދި އެހެން މުނާސަބަތަކާއި ގުޅިގެން އަޅާ ކޭކަކަށްވިޔަސް ހަމަމިކަން އޮންނަނީ މި އުސުލޫންނެވެ.
އެހެންނަމަވެސް މިކަން ކުރުމުގައި ކުޅަދާނާ މޮޅު އެތައް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދެއެވެ. އަދި އެ މީހުން ކޭކު އެޅުމުގެ ހުނަރު އެކި ގޮތްގޮތުން ދައްކާލަން ވަނީ އެކި ގޮތްގޮތަށް މަސައްކަތްކޮށް އެކަކަށްވުރެ އަނެކަކު ކުރިއެރުމަށްޓަކައި މަސައްކަތްކޮށްފައެވެ. މިގޮތުން ދުނިޔޭގެ އެންމެ ބޮޑު ކޭކު އަޅައި ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ކަށަވަރު ކުރީ "އިޓަލީޒް ނެޝެނަލް އެޝޯސިއޭޝަން އޮފް ކޭކް ޑިޒައިނާޒް" އެވެ.
މި އެސޯސިއޭޝަންގެ ޖުމްލަ 300 މެމްބަރުންވެގެން ވަނީ ދިގު މިނުގައި 16.46 މީޓަރު ހުރި އަދި ފުޅާ މިނުގައި 13.94 މީޓަރު ހުރި ކޭކެއް އަޅާފައެވެ. އެސޯސިއޭޝަންގެ މެމްބަރުން ކޭކް އެޅުމަށާއި ކޭކް ޑިޒައިން ކުރުމަށް ޖުމްލަ ހަތަރު ދުވަސް ހޭދަވިއެވެ.
މި އެސޯސިއޭޝަނުން މި ކޭކް އަޅާފައި ވަނީ 2015 ވަނަ އަހަރު ބޭއްވުނު މިލާން ޓްރޭޑް ފެއާއަށެވެ. މި ކޭކް ހަދާފައިވަނީ ބޮޑު ސްޕޮންޖް ބޭސް އެއް ބޭނުން ކޮށްގެންނެވެ. އައިސިންގް ބޭނުން ކޮށްގެން އިޓަލީގައި ފާހަގަކޮށްލެވޭ މުހިންމު ބިނާތައް ވަނީ މި ކޭކްގައި ވަރަށް ފުރިހަމައަށް ފަރުމާކޮށް ދައްކާލާފައެވެ.
މި ކޭކް ގިނިސް ވޯލްޑް ރެކޯޑަށް ހޮވުމާއި ގުޅިގެންވަނީ 1200 ފޮއްޗަށް ކޭކް ފަޅާ އެ ފެއަރ އަށް ޒިޔާރަތްކުރި މީހުންނަށް ބަހާފައެވެ. ކޭކްގެ ބަރުދަން އެއްކިލޯ އަށް ވުރެ ބަރެވެ.
"އިޓަލީޒް ނެޝެނަލް އެޝޯސިއޭޝަން އޮފް ކޭކް ޑިޒައިނާޒް" އެސޯސިއޭޝަނުން ގިނިސް ވޯލްޑް ރެކޯޑުގެ މަގާމު ކަށަވަރުކޮށްފައިވަނީ 2014 ވަނަ އަހަރު އެންމެ ބޮޑު ސްކަލްޕްޗަރ ކޭކު އެޅި މީހާގެ ރިކޯޑް މުގުރާލައިގެންނެވެ.
2014 ވަނަ އަހަރު އެންމެ ބޮޑު ސްކަލްޕްޗަރ ކޭކް އަޅާފައިވަނީ މޭކް އަ ވިޝް ޗެރެޓީ ޕާޓްނަރާއި ގުޅިގެން ޑިޓާޖަންޓް ބްރޭންޑް ފެއާރީ އިންނެވެ.
މި ކޭކް އެޅުމަށްޓަކައި ވަނީ 400 އަށްވުރެ ގިނަ ކޭކް ވަކި ވަކިން އަޅައި 8360 އެއްހާ ބިސް ވަނީ ކޭކް އެޅުމަށް ބޭނުން ކޮށްފައެވެ. އަދި މި ކޭކްއަކީ 12 މީޓަރު ދިގު 10 މީޓަރުގައި ފުޅާމިން ހުންނަ ކޭކެވެ.
މި ކޭކްވަނީ ލަންޑަންގައި 12000 މީހުންނަށް ކޮންމެ ފޮއްޗެއް އެއް ޕައުންޑުގެ މަގުން ވިއްކާފައެވެ.
މިހާރު ދިވެހިންގެ މެދުގައިވެސް ކޭކް އަކީ ވަރަށް މަގުބޫލު އެއްޗެކެވެ. އެކި މުނާސަބަތާއި ގުޅުވައިގެން ކޭކް އެޅުމަކީ ވަރަށް އާންމު ކަމަކަށް ވަނީ ވެފައެވެ. އުފަންދުވަހެއް އަޔެއް ކަމަކު އެނިވާސަރީއެއް އަޔެއް ކަމަކު މީހަކަށް ޝުކުރު އަދާ ކުރުމަށް ކަމަށްވިޔަސް ކޭކެއްގައި އެ ޝުއޫރުތައް ލިޔުން އާންމު ވެއްޖެއެވެ. އަދި ދިވެހިންގެ ތެރޭގައިވެސް ކޭކްއަޅަން މޮޅު މީހުން އެބަތިއްބެވެ.