އާސެނަލްގެ ޖާޒީގައި އަބަދުވެސް އެންމެ މޮޅު ކުޅުން ދައްކާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑާ މެސުޓް އޮޒިލް ބުނެފިއެވެ.
މަޝްހޫރު ކުޅިވަރު ވެބްސައިޓް ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން އޮޒިލް ބުނެފައިވަނީ އޭނާ ދަނޑުމަތީގައި މަސައްކަތް ނުކުރާ ކަމަށް ބުނެ އަބަދުވެސް ވާހަކަ ދެކެވޭ ކަމަށާއި އެހެނަސް އަބަދުވެސް ދަނޑު މަތީގައި އާސެނަލްގެ ޖާޒީގައި އެންމެ މޮޅު ކުޅުން ދައްކާ ކަމަށް އޮޒިލް ބުނެފައިވެއެވެ. އަދި އޭނާ އެހެން ޓީމަކަށް ބަދަލުވާން އުޅޭކަމަށް ކޮންމެ ސީޒަނެއްގައި ވެސް އަޑު ފަތުރާ ކަމަށާއި އެހެނަސް މިވަގުތު އޭނާ ހުރީ އާސެނަލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށް އޮޒިލް ބުނެފައިވެއެވެ.
މިދިޔަ ހަފްތާގައި ވެސް އިނގިރޭސި ބައެއް މީޑިއާ ތަކުން ވަނީ އޮޒިލް އާސެނަލްގެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓު ކޮށްފައެވެ. އެގޮތުން އޭނާގެ ޓީމުގެ ކުޅުންތެރިން ކައިރީ ޔުނައިޓެޑަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ. މިގޮތަށް މީޑިއާތަކުން ރިޕޯޓު ކުރުމުން އާސެނަލްގެ ވެރިޔާ ސްޓަން ކޮރެންކޭ ވަނީ އޮޒިލް އެ ޓީމުގައި މަޑު ކުރުވަން ބޭނުންވާ ކަމަށް ބުނެފައެވެ.
އޮޒިލް ވަނީ ކޮރެންކޭ މިގޮތަށް ބުނުމުން އެކަމަށް މަރުހަބާ ކިޔާފައެވެ. ސްކައި ސްޕޯޓްސްގައި އޭނާ ބުނެފައިވަނީ ކްލަބުގެ ވެރިއެއްގެ ފަރާތުން އެފަދަ ބަސްތަކެއް އަޑުއިވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި އެންމެ މުހިންމު ކަމަކީ އޭނާއަށް ފުޓްބޯޅަ ކަމަށެވެ. އެގޮތުން އަބަދުވެސް ދަނޑުމަތީގައި 100 އިންސައްތަ ދެއްކުމަކީ އޭނާގެ ވަރަށް އިސްކަން ދޭ ކަމެއް ކަމަށް އޮޒިލް ބުނެފައިވެއެވެ.
އާދިއްތަ ދުވަހު ޕްރިމިއާ ލީގުގައި އެވަޓަން އަތުން 5-2 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގައި އޮޒިލް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޮޒިލް ބުނެފައިވަނީ އާސެނަލްގައި ވަރަށް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށާއި އެއް ލެވެލްއެއްގައި ކުޅުން ހިފެހެއްޓިއްޖެ ނަމަ ތަށި ކާމިޔާބު ކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިވަގުތު އާސެނަލް އޮތީ ޕްރިމިއާ ލީގުގެ ފަސް ވަނައިގައި 16 ޕޮއިންޓާއެކުއެވެ.
ސްޕެއިންގެ ރެއާލް ދޫކޮށް 2013 ވަނަ އަހަރު އާސެނަލްއަށް ބަދަލުވި ފަހުން އޮޒިލް ވަނީ އެ ޓީމަށް ކުޅުނު 167 މެޗުގައި 32 ލަނޑު ޖަހައިދީފައެވެ. އެނާ ވަނީ އެ ޓީމާއެކު އިނިގިރޭސި އެފްއޭ ކަޕާއި ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފައެވެ.