ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއަށް އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
ޓޯޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުނެފައިވަނީ ކޭންގެ ފަލަ މަސް ގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހޮނިހިރު ދުވަހު ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގައި ކޭންއަށް ނުކުޅެވޭނެ ކަމަށެވެ. އޭނާ ބުނެފައިވަނީ ކޭންއަށް އަނިޔާވެފައިވަނީ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގައި 4-1 ގެ ނަތީޖާއަކުން ޓޮޓެންހަމްއިން ލިވަޕޫލް ބަލިކުރި މެޗުގައި ކަމަށެވެ.
އެގޮތުން އޭނާގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކީ އެހާ ބޮޑު އަނިޔާއެއް ނޫން ކަމަށާއި އެހެނަސް އެ ޓީމުގެ މެޑިކަލް ޓީމުން ނިންމާފައިވަނީ އެނާ ޔުނައިޓެޑާ ދެކޮޅަށް ނުނެރެން ކަމަށެވެ. އޭނާ ޔުނައިޓެޑާ ދެކޮޅަށް ނެރެފިނަމަ އެނާގެ އަނިޔާ ބޮޑު ވެދާނެ ކަމަށެވެ.
ކޭންއާ ބެހޭގޮތުން ޕޮޗެޓީނޯ ބުނެފައިވަނީ އެނާއަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާއާ ނުލާ ޔުނައިޓެޑް އަތުން މޮޅު ވެވޭނެ ކަމަށެވެ. ޕޮޗެޓީނޯ ބުނެފައިވަނީ އޭނާގެ ޓީމުގައި ހުރި ހަމައެކަނި މޮޅު ކުޅުންތެރިޔަކީ ކޭން ނޫން ކަމަށާއި އޭނާގެ ސްކޮޑަކީ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭ ފެންވަރުގެ ސްކޮޑެއް ކަމަށެވެ.
ހަމައެހެންމެ ޕޮޗެޓީނޯ ބުނެފައިވަނީ ކޭން ނުކުޅޭ ނަމަ އެ މަގާމަށް ކުޅޭނީ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭ ނުވަތަ ސައުތް ކޮރެއާގެ ފޮވާޑް ހެއުންގް މިން ސޮން ކަމަށެވެ. އެގޮތުން މިދިޔަ ސީޒަނުގެ ވެސް ފަހު ބައިގައި ކޭންއަށް އިންޖަރީވި ވަގުތުގައި ސޮން ވަނީ އެ މަގާމު ވަރަށް ފުރިހަމައަށް އަދާކޮށްފައިވާ ކަމަށް ޕޮޗެޓީނޯ ބުނެފައިވެއެވެ. އަދި ކޭންއަކީ މިވަގުތު ޔޫރަޕާއި ދުނިޔޭގައި ތިބި އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ.
އިންގްލޭންޑަށް އުފަން އުމުރުން 23 އަހަރުގެ ކޭން އަކީ ޓޮޓެންހަމްގެ ކުރީގައި ހަރަކާތްތެރިވާ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު177 މެޗުގައި 112 ލަނޑު ކާމިޔާބު ކޮށްފައެވެ.
ޕްރިމިއާ ލީގުގައި ޓޮޓެންހަމް މިހާތަނަށް ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު އޮތީ ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި ޓޮޓެންހަމްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު، އެއްވަނައިގައި ޓޮޓެންހަމްއަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީއެވެ.