ރ. މަޑުއްވަރީ ބަނދަރުގެ ފައިސާ ހިފެހެއްޓެވީ ރައީސް އަބްދުﷲ ޔާމީން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރ. މަޑުއްވަރީގެ ރައްޔިތުންގެ އެދުމާއި އެއްގޮތަށް އެ ރަށުގެ ބަނދަރު ހެދުމަށްޓަކައި 2014 ވަނަ އަހަރުން ފެށިގެން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންނަށް ސިޓީ ފޮނުއްވައިގެން 2015 ވަނަ އަހަރުގެ ބަޖެޓުގައި އެ މަޝްރުއޫ ހިމެނުއްވިކަން ފަހާގަކުރައްވާ އަމީތު ވިދާޅުވީ އެ އަހަރު ނިމުނުއިރު ވެސް މި ސަރުކާރުން ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވާފައިނުވާ ކަމަށެވެ.
ރާއްޖެޓީވީން ގެނެސްދިން "މިރައީސް" ޕްރޮގްރާމުގައި ވާހަކަވަމުން އަމީތު ވިދާޅުވީ 2016 ވަނަ އަހަރު އެ މަޝްރުއޫގެ ކޮންޓްރެކްޓުގައި ސޮއި ކުރާ ހިސާބަށް ދިއުމުން ރައީސް ޔާމީން އެ ފައިސާ ހިފެހެއްޓެވި ކަމަށެވެ.
އެހެންނަމަވެސް އެ ފައިސާ ރައީސް ޔާމީން ހިފެހެއްޓެވި ސަބަބެއް އަމީތު ވިދާޅެއް ނުވެއެވެ.
ރައީސް ޔާމީންގެ ބަހާއި އަމަލާ ދިމާނުވާކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ހަ މެމްބަރުންނާއި، އެމްޑީޕީގެ ފަސް މެމްބަރުންނާއި، މިނިވަން މެމްބަރުންގެ ގޮތުގައި ހޮވިވަޑައިގަތް ހަތަރު މެމްބަރަކު ރައީސް ޔާމީން ލޭނު ދަލުގައި ޖައްސަވައިގެން ގެންދެވި ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރުގައި ޖުމްލަ 15 މެމްބަރަކު ސަރުކާރު ހިންގާ ޕާޓީއަށް ގެންދެވިކަމަށް އަމީތު ވިދާޅުވިއެވެ.
ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕާޓީގެ ނިވަލުގައި އިންތިހާބުވާ ބޭފުޅަކު ޕާޓީ ބަދަލުކުރެއްވުމުން އެއީ ހެއްދެވޭ ގޯހެއް ކަމަށް ރައީސް ޔާމީން ވިދާޅުވީ އަމީތުއަށް ނިސްބަތްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ރައްޔިތުން މަޖިލީހަށް އިންތިހާބުވީކީ މި ރައީސްގެ ނިވަލަކު ނޫން. އަޅުގަނޑު މަޖިލީހަށް އިންތިހާބުވީ ޕީޕީއެމް ނިވަލުގައި. އަދިވެސް އަޅުގަނޑު މި ހުރީ ޕީޕީއެމްގައި" އަމީތު ވިދާޅުވިއެވެ.
ޤާނޫނު އަސާސީއާ ހިލާފަށް ކޯޓް އަމުރެއް ނެރުއްވައިގެން ޕީޕީއެމް ޖަހައިގެންފައިވާކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ އޭނާ ކެމްޕެއިން ކުރެއްވި ދުވަސްވަރު ރައީސް ޔާމީން އޭނާއާ އެކީ އެއްވެސް ރަށަކަށް ވަޑައިނުގަންނަވާ ކަމަށާއި އެންމެ ކުޑަމިނުން މަޖިލީހަށް ހޮވިވަޑައިގަތުމުން މަރުހަބާ ވެސް ދަންނަވާފައި ނުވާނެ ކަމަށެވެ.
އަމީތު ވިދާޅުވީ އެބޭފުޅާ މަޖިލީހަށް އިންތިހާބު ވެވަޑައިގަތީ ރައީސް ޔާމީނަށް ސަޖިދަ ކުރެއްވުމަށް ނޫން ކަމަށާއި ރައްޔިތުންގެ ހައްޤުގައި އަޑު އުފެއްލެވުމަށް ކަމަށެވެ. އަދި އެކަން ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޑުއްވަރީ ދާއިރާ ތަމްސީލު ކުރާނެ މެމްބަރެއް ނެތުމުން އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޔާމީން ކަމަށް އަމީތު ވިދާޅުވިއެވެ.