އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި ޓީމުތަކުން ކުޅެން ޖެހޭ މެޗުތައް ކަށަވަރުވެއްޖެއެވެ.
އިނގިރޭސި ލީގުގެ ބޮޑެތި ޓީމުތަކުން މި މުބާރަތުގެ ކުއާޓާއިން ޖާގަ ހޯދިއިރު އެންމެ ފާހަގަ ކޮށްލެވެނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ދެވަނައިގައި އޮވެގެން ނިންމާލި ޓޮޓެންހަމް މި ސީޒަނުގައި ދަށް ނަތީޖާތަކެއް ހޯދަމުން އަންނަ ވެސްޓް ހާމް އަތުން ބަލިވެ މުބާރާތުން ކެޓުމެވެ. ކުއާޓާ ފައިނަލުގެ ގުރު ނަގާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.
ކުއާޓާގެ ފުރަތަމަ މެޗުގައި އާސެނަލް ނުކުންނާނީ ވެސްޓްހެމްއާ ދެކޮޅަށެވެ. އާސެނަލްއިން ކުއާޓާގެ ޖާގައެއް ހޯދީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ނޯވިޗް ސިޓީ ބަލިކޮށްގެންނެވެ. ހަމައެހެންމެ ވެސްޓްހެމް ކުއާޓާގެ ޖާގައެއް ހޯދީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށްގެންނެވެ.
ކުއާޓާގެ ދެވަނަ މެޗުގައި މިދިޔަ ސީޒަނުގައި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ބްރިސްޓޮލް ސިޓީއާ ދެކޮޅަށެވެ. ޔުނައިޓެޑް ކުއާޓާއަށް ކޮލިފައިވީ ޖެސޭ ލިންގާޑްގެ ދެ ލަނޑާއެކު 2-0 އަކުން ސްވަންސީ ސިޓީ ބަލިކޮށްގެންނެވެ. ބްރިސްޓޮލް ސިޓީ ކުއާޓާގެ ޖާގައެއް ހޯދީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްގެންނެވެ.
މި މުބާރާތުގެ ކުއާޓާގެ ތިން ވަނަ މެޗުގައި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީ ނުކުންނާނީ ބޯންމައުތްއާ ދެކޮޅަށެވެ. ޗެލްސީ ކުއާޓާއަށް ކޮލިފައިވީ 2-1 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށްގެންނެވެ. އަދި ބޯންމައުތް ކުއާޓާގައި ވާދަކުރަނީ އަމިއްލަ ދަނޑުގައި 3-1 އަކުން މިޑްލްސްބަރާ ބަލިކޮށްގެންނެވެ.
ކުއާޓާގެ ފަހު މެޗުގައި ލެސްޓާ ސިޓީ ނުކުންނާނީ މި ސީޒަނުގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ލެސްޓާ ކުއާޓާއަށް ކޮލިފައިވީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށްގެންނެވެ. މެންޗެސްޓާ ސިޓީ ކުއާޓާއަށް ކޮލިފައިވީ ޕެނަލްޓީ ޖަހައިގެން ވުލްވަހެމްޕްޓަން ވޮންޑެރާސް ބަލިކޮށްގެންނެވެ.
މި މުބާރާތުގައި އިނގިރޭސި 92 ޓީމަކުން ވާދަކުރާއިރު ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޔުއެފާ އިޔުރޯޕާ ލީގުގެ ދެވަނަ ކޮލިފައިން ބުރުން ޖާގަ ލިބޭނެއެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ޗެމްޕިއަންކަން ހޯދިއިރު މި އަހަރުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.