ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 13:58
މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް ރެފްރީ ރަތް ކާޑު ދައްކަަނީ
މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް ރެފްރީ ރަތް ކާޑު ދައްކަަނީ
ގެޓީ އިމޭޖަސް
ނޭމާ
ނޭމާ އެއް މެޗަށް ސަސްޕެންޑްކޮށްފި
ނޭމާއަށް ވަނީ ތިން މިނެޓުގެ ތެރޭގައި ދެ ރީނދޫ ކާޑު ދައްކާފަ
ހުކުރު ދުވަހު ފްރާންސްގެ ލީގުގައި ނީސްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ
ނޭމާއަށް ވަނީ ކެރިއަރުގައި 138 ރީނދޫ ކާޑާއި 8 ރަތް ކާޑު ދައްކާފަ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ އެއް މެޗަށް ސަސްޕެންޑްކޮށްފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ސްޕެއިންގެ ބާސެލޯނާއިން ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ނޭމާ ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ފްރާންސްގެ ލީގުގެ މެޗެއްގައި މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި މާސޭގެ ލޫކަސް އޮކަމްޕޯސްއަށް ހަމަލާ ދިނުމާ ވިދިގެންނެވެ.

މި މެޗުގައި ނޭމާއަށް ވަނީ ތިން މިނެޓުގެ ތެރޭގައި ދެ ރީނދޫ ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެގޮތުން އޭނާއަށް ފުރަތަމަ ރީނދޫ ކާޑު ދައްކާފައި ވަނީ މެޗުގެ 85 ވަނަ މިނެޓުގައި ރެފްރީގެ ނިންމުމަކާ ދެކޮޅު ހެދުމާ ވިދިގެންނެވެ. އޭގެ ތިން މިނެޓު ފަހުން އޭނާއަށް ދެވަނަ ރީނދޫ ކާޑު ދައްކާފައި ވަނީ އޮކަމްޕޯސް ޖެހި ޓެކަލްއެއްގެ ސަބަބުން އޭނާ ވެއްޓުމުން، ތެދުވެ ރައްދުގައި އޮކަމްޕޯސްގެ މޫނަށް ހަމަލާ ދިން ކަމަށް ރެފްރީ ނިންމުމުންނެވެ. އެހެނަސް ރިޕްލޭ ދައްކާ ގޮތުން ނޭމާ އޮކަމްޕޯސްގެ މޫނުގައި ޖަހާފައެއް ނުވެއެވެ.

މި ރަތް ކާޑު ވެގެން ގޮސްފައި ވަނީ ޕީއެސްޖީއަށް ބަދަލުވި ފަހުން ނޭމާއަށް ދެއްކި ފުރަތަމަ ރަތް ކާޑަށެވެ. މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު ނިމިފައި ވަނީ 2-2 އަކުން އެއްވަރު ވެގެންނެވެ. ނޭމާ މި މެޗުގައި ލަނޑު ޖެހި ނަމަވެސް ޕީއެސްޖީއަށް މި މެޗުން ޕޮއިންޓެއް ހޯދައިދިނީ ކަވާނީއެވެ. އެގޮތުން މެޗުގެ އެންމެ ފަހު މިނެޓުގައި އޭނާ ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި ސީޒަނުގައި ނޭމާއާ ކަވާނީއާ ދެމެދު ވެސް ވަނީ މައްސަލަ ޖެހިފައެވެ. އެގޮތުން ޕެނަލްޓީ ޖަހާނީ ކޮން ކުޅުންތެރިއެއްތޯ ކަނޑައެޅުމަށް މި ދެ ކުޅުންތެރިންނަށް ނިންމުމަކަށް އާދެވިފައި ނުވާއިރު މިހާރު ޕީއެސްޖީގެ ޕެނަލްޓީތަށް ޖަހަމުން އަންނަނީ ކަވާނީއެވެ. އެހެންނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން އަންނަ ސީޒަނުން ފެށިގެން އެ ޓީމުގެ ޕެނަލްޓީ ޒިންމާތައް އަދާކުރާނީ ނޭމާއެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ހުކުރު ދުވަހު ފްރާންސްގެ ލީގުގައި ނީސްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. ހަމައެހެންމެ މި ސީޒަނުގެ އިތުރު މެޗެއްގައި އޭނާ މިފަދަ އަމަލެއް ތަކުރާރުކޮށްފި ނަމަ އިތުރު ސަސްޕެންޝަނެއް އަންނާނެ ކަމަށް ފްރާންސްގެ ފުޓްބޯޅަ އިދާރާއިން ވަނީ ބުނެފައެވެ. ޕީއެސްޖީން މި ނިންމުން އިސްތިއުނާފު ކޮށްފައެއް ނުވެއެވެ.

ޕީއެސްޖީއަށް ބަދަލުވި ފަހުން ނޭމާ އަންނަނީ އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ޕީއެސްޖީއަށް ކުޅުނު 15 މެޗުގައި އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ. އުމުރުން 25 އަހަރުގެ ފޯވާޑްއަށް މިހާތަނަށް ވަނީ ކެރިއަރުގައި 138 ރީނދޫ ކާޑާއި އަށް ރަތް ކާޑު ދައްކާފައެވެ.

- ކޮމެންޓް