ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ބަށި މުބާރާތުގެ ފައިނަލް މެޗު ގަލޮޅު ދަނޑުގައި ބޭއްވުމުގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި އއ. މާޅޮސް ބައްދަލުކުރި މެޗަށް ފަހު، ބަށި މުބާރާތުގެ ފައިނަލަށް ދަނޑު ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ވަރަށް ދަންވަންދެން އެތަނުގައި ލައިޓް ދިއްލައިގެން ވަނީ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތުގައި ވާދަކުރާ ބަށި ޓީމުތައް އުފުލުމަށް ބޭނުންކުރަމުން އަންނަނީ ވެސް އެމްއެންޑީއެފް އަދި ސަރުކާރުގެ ވެހިކަލްތަކެވެ. އަދި ޓީމްތައް ތިމެނީ ވެސް ގަލޮޅު ދަނޑުގައި ހުންނަ ޔޫތު އެކޮމޮޑޭޝަން ބްލޮކް ގައެވެ.
ގަލޮޅު ދަނޑު އާންމު ގޮތެއްގައި ފުޓުބޯޅަ މެޗު ކުޅުމަށް ނޫން ގޮތަކަށް ދެނީ އެކި އިވެންޓްތައް ކުރިޔަށް ގެންދިޔުމަށެވެ. މީގެ އިތުރުން ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަށް ވެސް މީގެކުރިން ގަލޮޅޫ ދަނޑު ދޫކޮށްފައެއް ނުވެއެވެ.
މެޑަމް ފާތުންގެ ނަމުގައި ބާއްވާ ބަށި މުބާރާތަކީ ރައީސް ޔާމީން 2018 އަށް ކުރާ ކެމްޕޭނަށް ކުރިޔަށް ގެންދާ މުބާރާތަކަށްވާއިރު، މުބާރާތަށް ހަރަދުކޮށްފައި ވަނީ ސަރުކާރު ކުންފުނިތަކުން ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ގަލޮޅު ދަނޑު ސިޔާސީ ބޭނުމަކަށް ދޫކުރާތީ އެކަމަށް ފުޓުބޯޅަ އާއިލާގެ އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ކޯޗުން އަދި ކުޅުންތެރިން ވެސް ހިމެނެއެވެ.
ބަށި މުބާރާތުގެ ފައިނަލް މެޗު އޮތީ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރެވެ. ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ މެޑަމް ފާތުންއެވެ.