މިއަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ޕަދްމަވަތީ" ގެ ފުރަތަމަ ލަވަ "ގޫމަރު" ރިލީޒް ކޮށްފައިވަނީ މިދިޔަ ބުދަދުވަހުގައެވެ.
މި ލަވަ ރިލީޒްކުރުމާއެކީ އެތައް ބައެއްގެ ތައުރީފު ލަވައަށް ދަނީ އޮހެމުންނެވެ. އޭގެ އެއް ހެއްކަކީ ލަވަ ރިލީޒް ކުރިތާ 24 ގަޑި ނުވަނީސް 10 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައި ވުމެވެ.
ސަންޖޭ ލީލާ ބަންސާލީގެ މި ފިލްމުގެ ޓްރެއިލާއަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ފިލްމުގެ ލީޑު ރޯލުން ފެންނަ ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހް ވަނީ މި ކާމިޔާބީއާ ގުޅިގެން އުފާކޮށް ޓްވީޓްކޮށް ބެލުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.
ދިޕިކާ ކުރި ޓްވީޓްގައި ބުނެފައި ވަނީ މިއީ މިހާތަނަށް އޭނާ ލަވައަކަށް އެންމެ އުނަދަގޫކޮށް އެކްޓު ކުރެވުނު ލަވަ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ލަވައިގައި ދީޕިކާ ބޭނުން ކޮށްފައިވާ ގަހަނާގައި އެކަނިވެސް 30 ކިލޯ ހުންނާނެއެވެ. އޭގެ އަގު 30 ލައްކަ ރުޕީސް އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ގަހަނާގެ ބަރުދަނާ އެކީ ދީޕިކާ ކޮށްފައިވާ ޑާންސަކީ އިންޑިއާގެ ކުރީ ޒަމާނުގައި ރަސްކަލުންނާއި ރާނީން ނަށާ އުޅުނު ރާޖިސްތާނު ސްޓައިލްގެ ހުށައެޅުމެކެވެ.
ގާތްގަނޑަކަށް ތިން މިނެޓަށް ދިގުދެމިގެންދާ މި ލަވައިގެ ތެރޭގައި ދީޕިކާ ވަނީ އޭނާގެ ބަރު ހެދުމާއި ގަހަނާ އަޅައިގެން ޖުމްލަ 66 ފަހަރު އެނބުރިފައެވެ.
މި ފިލްމަށް ގަހަނާ ތައްޔާރު ކުރި ކުންފުނި ކަމަށްވާ ތަނިޝްގު އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަތްކަންކުރާ 200 މީހުން 600 ދުވަހު މަސައްކަތް ކޮށްފައިވާ ކަމަށާއި ގަހަނާ ހެދުމަށް 400 ކިލޯގެ ރަން ވިރުވާފައިވާ ކަމަށެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ މާކުރިން ގަހަނާ ވަނީ ތައްޔާރު ކުރަން ފަށާފައެވެ.
މިއީ ތޭރަވަނަ ގަރުނުގައި އިންޑިއާގެ މޭވަރް ކިޔާ ސަހަރެއްގެ ރަސްކަލަކާއި ރާނީއެއްގެ މެދުގައި ހިނގި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
"ގޫމަރު" ލަވަ ކިޔާފައިވަނީ ޝްރެޔާ ގޯޝާލް އާއި ސްވަރޫޕް ޚާން އެވެ. ލަވައިގެ ލިރިކްސް އޭ އެމް ޓުރާޒް ލިޔެފައިވާއިރު ލަވައިގެ ރާޖަސްތާނީ ލިރިކްސް ހަދާފައި ވަނީ ސްވަރޫޕް ޚާން އެވެ. މިލަވައިގައި ދީޕިކާގެ ނެށުން ދަސްކޮށްދީފައި ވަނީ ކްރުތީ މަހޭޝް މިދްޔާ އާއި ޖްޔޯތީ ޑީ ޓޮމްމާރް އެވެ.