ޖަރުމަނު ކަޕް ނުވަތަ ޑީއެފްބީ ޕޮކާލްގެ ދެވަނަ ބުރުގެ ޖާގައެއް ޕެނަލްޓީގައި ކުރި ހޯދައިގެން ބަޔާން މިއުނިކްއިން ހޯދައިފިއެވެ.
ޖަރުމަނުގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ލީޕްޒީގްއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ބަޔާންއިން ވަރުގަދަ ފުރަތަމަ އެގާރައެއް ނެރުނު މި މެޗުގައި އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލީޕްޒީގްއަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް ރެފްރީ ވަނީ މެޗު އޮފިޝަލުންނާ ވާހަކަ ދެއްކުމަށްފަހު ހިލޭ ޖެހުމަކަށް އެ ނިންމުން ބަދަލުކޮށްފައެވެ. ލީޕްޒީގްއަށް ލިބުނު މި ހިލޭ ޖެހުން އެމީލް ފޯސްބާގް ފޮނުވާލިއިރު، އޭނާ ފޮނުވާލި މި ހަމަލާ އަމާޒުވީ ބަޔާންގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ފުރަތަމަ ހާފު ދެ ޓީމު އެއްވަރުވެ އޮވެގެން ނިމިގެންދިޔައިރު މެޗުގައި ލީޕްޒީގްއަށް އިތުރު ހުރަސްތަކަކާ ކުރިމަތި ވެގެންދިޔައީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ނަބީ ކެއިޓާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެހެނަސް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ލީޕްޒީގްއިންނެވެ. އެގޮތުން 68 ވަނަ މިނެޓުގައ ބަޔާންގެ އޭރިއާ ތެރެއިން ލީޕްޒީގްގެ ޕޯލްސެންއަށް ފައުލް ކުރުމާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ ފޯސްބާގް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
އެހެނަސް ލީޕްޒީގްއިން ލީޑު ނެގިތާ ފަސް މިނެޓު ނުވަނީސް ތިއާގޯ ވަނީ ބޮލުން ލަނޑެއް ކާމިޔާބުކޮށް ބަޔާންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފަ އޮތުމާ ވިދިގެން ދެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅުމަށެވެ. މި ދެ ހާފުގައިވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
ދެ ޓީމުން ވެސް ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބު ކުރިއިރު ފަސްވަނަ ކުޅުންތެރިޔެއްގެ ގޮތުގައި ޕެނަލްޓީ ޖެހި ރޮބެން އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށް ބަޔާންއަށް ލީޑު ނަގައިދިނެވެ. މެޗުގެ ނަތީޖާ ނެރުމަށް ޓީމޯ ވާނާ ޖެހި ޕެނަލްޓީ ބަޔާންގެ ކީޕަރު ވަނީ ދިފާއުކޮށް އެ ޓީމަށް ލީޑު ނަގައިދީފައެވެ.
މި ކާމިޔާބާއެކު ބަޔާންއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރިއިރު ބޮރޫޝިއާ ޑޯޓްމަންޑާ ޝާލްކޭއާ ބަޔާ ލެވަކޫސަންގެ އިތުރުން ވޮލްފްސްބާގުން ވެސް ވަނީ ޖަރުމަނު ކަޕުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.