ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 16:50
ޗެލްސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޗެލްސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
އީއެފްއެލް ކަޕް: ޗެލްސީ ކުއާޓާގެ ޖާގައެއް ކަށަވަރު ކުރިއިރު ޓޮޓެންހަމް ކަޓައިފި
ަ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުން

އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދިއިރު ޓޮޓެންހަމް މުބާރާތުން ކަޓައިފިއެވެ.

މި މުބާރާތުގެ ކުއާޓާގެ ޖާގައެއް ޗެލްސީ އިން ކަށަވަރު ކުރީ އަމިއްލަ ދަނޑުގައި މި ސީޒަނުގައި ދަށް ނަތީޖާތަކެއް ހޯދަމުން އަންނަ އެވަޓަން ބަލިކޮށްގެންނެވެ. މި މެޗު ޗެލްސީއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗަށް ޗެލްސީއިން ނުކުމެފައި ވަނީ ގިނަ ބަދަލުތަކަކާއެކު ފުރަތަމަ 11 އިން ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީގެންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޗެލްސީއިންނެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ޒުވާން ވިންގާރ ޗާލީ މުސޮންޑާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ޑިފެންޑާ އެންޓޯނިއޯ ރުޑިގާއެވެ.

މި ނަތީޖާގައި ފުރަތަމަ ހާފު ނިމިގެންދިޔައިރު ޗެލްސީއިން މެޗުގައި އެ ޓީމުގެ ލީޑު ފުޅާކޮށްފައި ވަނީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. ސެސްކް ފެބްރިގާސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވިލިއަންއެވެ. އެވަޓަންގެ ޑޮމިނިކް ކެލްވާޓް ލިއުވިން ވަނީ އޭގެ ދެ މިނެޓު ފަހުން ލަނޑެއް ޖަހާ އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އިނގިރޭސި ބޮޑެތި ޓީމުތަކުން ކުއާޓާގެ ޖާގައެއް ކަށަވަރު ކުރިއިރު ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ވެސްޓްހެމް އަތުން ބަލިވެ މި މުބާރާތުން ކަޓާފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ހަ ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ލީޑު ނަގައިދިނީ މޫސާ ސިސޯކޯއެވެ. އެ ޓީމުގެ ލީޑު 37 ވަނަ މިނެޓުގައި ފުޅާ ކޮށްދިނީ ޑެލޭ އަލީއެވެ. ޓޮޓެންހަމްގެ ދެ ލަނޑު ވެސް ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދިނީ ސައުތު ކޮރެއާގެ ވިންގާރ ހެއުންގް މިން ސޮންއެވެ.

ފުރަތަމަ ހާފު ޓޮޓެންހަމް ކުރީގައި އޮވެގެން ނިމުނުއިރު ވެސްޓްހެމްއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހެމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު 55 ވަނަ މިނެޓުގައި އަންދަރޭ އަޔޫ ޖަހައިދިން އިރު އޭނާ ވަނީ އޭގެ ފަސް މިނެޓު ފަހުން ލަނޑެއް ޖަހާ ވެސްޓްހެމްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ވެސްޓްހެމްއަށް މެޗުގައި ލީޑު ލިބިގެން ދިޔައީ މެޗުގެ 70 ވަނަ މިނެޓުގައި އެންޖެލޯ އޮބިންޒޯ އޮގްބޮންނާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައިވަނީ ވެސްޓް ހާމްއާ ޗެލްސީގެ އިތުރުން މެންޗެސްޓާގެ ދެ ޓީމާއި އާސެނަލްއާ ލެސްޓާ ސިޓީއާ ބޯންމައުތްގެ އިތުރުން ބްރިސްޓޮލް ސިޓީއެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް