ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 16:45
ނަޕޯލީގެ މާޓެންސް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ނަޕޯލީގެ މާޓެންސް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިޓާލިއަން ސެރީއޭ
އިޓާލިއަން ސެރީއޭ: އެއްވަނައަށް ވާދަކުރާ ހަތަރު ޓީމު ވެސް މޮޅުވެއްޖެ
ނަޕޯލީ ވަނީ ރަށުން ބޭރުގައި 3-2 އިން ޖެނޯއާ ބަލިކޮށްފައި
އިންޓަ މިލާން ވަނީ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ސަމްޕްޑޯރިއާ ބަލިކޮށްފައި
ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން އަލަށް ޕްރޮމޯޓްވި ސްޕަލް ބަލިކޮށްފައި

އިޓާލިއަން ސެރީއޭގެ އެއްވަނައަށް ވާދަކުރަމުން އަންނަ ހަތަރު ޓީމު ވެސް ކުޅުނު މެޗުތައް ކާމިޔާބުކޮށް ލީގުގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ.

އިޓާލިއަން ސެރީއޭގެ އެއްވަނައަށް ހަތަރު ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. އެގޮތުން އެއްވަނައިގައި އޮތް ނަޕޯލީއާ ހަތަރު ވަނައިގައި އޮތް ލާޒިއޯއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ނަޕޯލީ ވަނީ ރަށުން ބޭރުގައި 3-2 އިން ޖެނޯއާ ބަލިކޮށްފައެވެ. ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި އަދެލް ތާރަބްތް ޖެނޯއާއަށް ލީޑު ނަގައިދިން ނަމަވެސް ޑްރައިސް މާޓެންސްވަނީ މެޗުގެ 14 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަޕޯލީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި މާޓެންސް ވަނީ ލަނޑެއް ޖަހާ ނަޕޯލީއަށް ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފު މި ނަތީޖާއިން ނިމިގެން ދިޔައިރު ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ޖެނޯއާގެ ޑިފެންޑާ އާވިން ޒުކަނޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑުން ނަޕޯލީގެ ލީޑު އިތުރަށް ފުޅާވެގެން ދިޔައެވެ. ޖެނޯއާއަށް ނަތީޖާގެ ފަރަގު ކުޑަވެގެން ދިޔައީ 70 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑާ އާމަންޑޯ އިއްޒޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

އިޓާލިއަން ސެރީއޭގެ ދެވަނައިގައި މިވަގުތު އޮތް އިންޓަ މިލާން ވަނީ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ސަމްޕްޑޯރިއާ ބަލިކޮށްފައެވެ. އިންޓަގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އެ ޓީމުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިފެންޑާ މިލާން ސްކްރިނާރްއެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އިންޓަގެ ލީޑު ފުޅާވެގެން ދިޔައީ އެ ޓީމުގެ ކެޕްޓަން މައުރޯ އިކާޑީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފު މި ނަތީޖާގައި ނިމިގެން ދިޔައިރު ދެވަނަ ހާފުގައި ވެސް އިންޓައިން ވަނީ އެ ޓީމުގެ ކުޅުން ދަމަހައްޓާ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން 54 ވަނަ މިނެޓުގައި އިކާޑީ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. ސަމްޕްޑޯރިއާއަށް ނަތީޖާގެ ފަރަގު ކުޑަވެގެން ދިޔައީ 64 ވަނަ މިނެޓުގައި ޑޭވިޑް ކޮނާކީ ޖަހައިދިން ލަނޑުންނެވެ. ސަމްޕްޑޯރިއާގެ ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ފަބިއޯ ކުއަގްރިއެއްލާއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަން ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން އަލަށް ޕްރޮމޯޓްވި ސްޕަލް ބަލިކޮށްފައެވެ. މި މެޗުގައި ޔުވެންޓަސްއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ފެޑެރީކޯ ބާނަޑޭޝީ އާއި ޕައުލޯ ޑިބާލާ އާއި ގޮންޒާލޯ ހިގުއައިންގެ އިތުރުން ހުއާން ކުއަޑްރާޑޯއެވެ. މި މެޗުގައި ސްޕަލްއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ފޯވާޑް އަލްބާޓޯ ޕަލޯޝީއެވެ.

ލާޒިއޯ ވެސް ވަނީ ރަށުން ބޭރުގައި ބޮލޯނާ 2-1 ލަނޑުން ބަލިކޮށް ތައްޓަށް ކުރަމުން އަންނަ އުއްމީދު ދަމަހައްޓާފައެވެ. މި މެޗުގައި ލާޒިއޯއަށް ލަނޑުތައް ޖަހައިދީފައި ވަނީ ސާގޭ މިލިންކޮވިޗް އާއި ސެނާޑް ލުލިޗްއެވެ. ލާޒިއޯގެ ސިރޯ އިމޯބިލޭ ޕެނަލްޓީއެއް ބޭކާރު ކޮށްލިއިރު ބޮލޯނާގެ ގޯލަކީ ސެނާޑް ލުލިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އޭސީ މިލާން ވެސް ވަނީ ރަށުން ބޭރުގައި 4-1 ގެ ނަތީޖާއަކުން ޗިއޭވޯ ވެރޯނާ ބަލިކޮށްފައެވެ. މިލާންގެ ލަނޑުތައް ޖަހައިދިނީ ސޫސޯ އާއި ހަކާން ޗަލަންގޫލޫ އާއި ނިކޮލައި ކަލިނިޗްއެވެ. އަދި އެ ޓީމުގެ 3 ހަތަރު ވަނަ ލަނޑަކީ ޗިއޭވޯގެ ބޮސްޓާން ސީޒާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޗިއޭވޯގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ވަލްޓާ ބިރްސާއެވެ.

އިޓާލިއަން ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 28 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. ދެވަނައިގައި 26 ޕޮއިންޓާއެކު އިންޓަ މިލާން އޮތްއިރު ތިންވަނައިގައި 25 ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އޮތީ ޔުވެންޓަސްއެވެ. ޔުވެންޓަސްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން އެހެނަސް ފައިދާ ލަނޑު މަދުވުމުން ހަތަރު ވަނަ ލިބެނީ ލާޒިއޯ އަށެވެ. އޭސީ މިލާން އޮތީ 16 ޕޮއިންޓާއެކު އަށް ވަނައިގައެވެ.

- ކޮމެންޓް