އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ބުދަ ދުވަހުގެ ރޭ މިނިވަން 50 ޗެމްޕިއަންޝިޕުގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ މޮޅުވެފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗަށް ޓީސީއިން ނުކުމެފައި ވަނީ ރަނގަޅު ފޯމެއްގައި އޮވެގެން ކަމަށްވާއިރު އެ ޓީމުން ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ޓީސީގެ ފަރާތުން ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި އެ ޓީމުން ލަނޑެއްޖަހާ ލީޑު ނެގުމެއެވެ. މި ލަނޑު ޓީސީއަށް ޖަހާދީފައި ވަނީ އެ ޓީމުގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.
މި ލަނޑަށް ފަހު ވެސް ޓީސީއިން ވަނީ ރަނގަޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ހިފަހައްޓާފައެވެ. އެ ޓީމުން ފުލުފުލުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ 42 ވަނަ މިނެޓުގައި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދިނުމެވެ. ދާދު ލަނޑު ޖެހިތާ ތިން މިނެޓު ނުވަނީސް، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޓީސީގެ ބިދޭސީ ފޯވާޑް ސްޓެވާޓް ކޯނެލިއަސް ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދީފައެވެ.
ފުރަތަމަ ހާފު 3-0 އަކުން ޓީސީ ކުރީގައި އޮވެގެން ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ޓީސީއިން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ޓީސީއިން މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އިބްރާހިމް މަހުދީއެވެ.
މި މޮޅާއެކު ޓީސީއިން ވަނީ ވަގުތީ ގޮތުން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނަ ހޯދާފައެވެ. އެގޮތުން އެ ޓީމު އޮތީ ދެވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެން 25 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައިގައެވެ. ބުރާސްފަތި ދުވަހުގެ ރޭ މާޅޮހާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ ނިއުއަށް އަލުން އަނބުރާ ލީގުގެ އެއްވަނަ ލިބޭނެއެވެ. ޓީސީ އަތުން ބަލިވި ކުޑަހުވަދޫ އޮތީ ކުޅުނު 10 މެޗުން ލިބުނު ދެ ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.