ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މެނިފެސްޓޯގައި ފަސް އަހަރު ތެރޭގައި 26،000 ވަޒީފާ އުފައްދާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ކުރައްވާފައިނުވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މ. ކުނޫޒުގައި ބުދަ ދުވަހުގެރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެ ވައުދުގެ އިތުރުން ކޮންމެ އަހަރަކު 10 ރިސޯޓް އަޅުއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް 4 އަހަރު ފުރެން ގާތްވިއިރު އެކަންވެސް ކުރައްވާފައިނުވާ ކަމަށެވެ.
މެނިފެސްޓޯގެ އިތުރު ކަންތައްތަކަށް އަލިއަޅުއްވާ ލައްވަމުން ރޮޒެއިނާ ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯގެ ދަށުން ތިން ބާރަށް ފުރިހަމަ ބާރުވެރިކަން ހޯދައިދިނުމަށް އޮތް ނަމަވެސް އެކަން އެގޮތަށް ނުހިނގާކަން ކަމަށެވެ. އަދި ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ތިން ބާރު އެމަނިކުފާނުގެ އަތްޕުޅު ދަށަށް ގެންނަވަން ކަމަށާއި މިގޮތުން ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީއާ މީޑިއާތަކާއި މިނިވަން މުއައްސަސާތައް އެމަނިކުފާގެ ބާރުގެ ދަށަށް ގެންނެވުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
"ފަނަރަ އެމްޕީސް އެހެން ޕާޓީތަކުން ގެނެސްގެން އެމަނިކުފާނު އެވަނީ އެމަނިކުފާނުގެ ބާރުގެ ދަށަށް މަޖިލިސް ގެނައުމަށްޓަކައި މަޖިލީހުން އަމިއްލަ އިހްތިޔާރުން އެއްވެސް ކަމެއް ކުރިޔަށް ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައި" ރޮޒެއިނާ ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނާއި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނާއި އިލެކްޝަންޝް ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސިޔާސީ އެކްޓިވިސްޓުން މި ސަރުކާރުން އައްޔަން ކުރައްވާފައިވާކަން ފާހަގަކުރައްވާ ރޮޒެއިނާ ވިދާޅުވީ މިކަމުގެ ސަބަބުން އެ ކޮމިޝަންތަކުން ކަންތައްތަކުގައި ނިންމުން ނިންމާއިރު ސިޔާސީ ނިންމުންތައް ނިންމަމުންދާ ކަމަށެވެ.
މިކަމުގެ ލާމަސީލު މިސާލަކީ އިލެކްޝަންސް ކޮމިޝަން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ވަކިކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށް ހަދައިގެން، މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތުން ހުރިހާ ބާރުތައް މަސްހުނިވެފައިވާ މިންވަރު ހާމަވެގެންދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ބިންތައް ވިއްކުމުގައި ރައްޔިތުންގެ ހިޔާލު ނުހޯދައްވާކަން ފާހަގަކުރައްވާ ރޮޒެއިނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގައި 24 ގަނޑިއިރަށް އެ މައްސަލައަށް ބަހުސް ކުރުމަށް ފުރުސަތު ދެއްވާފައިނުވާ ކަމަށެވެ.
މީގެ އިތުރުން ރޮޒެއިނާ ވަނީ ރައީސް ޔާމިންގެ މެނިފެސްޓޯގައިވާ ގިނަ ކަންތައް މިއަދާއި ހަމައަށް އައިރުވެސް ފުއްދަވާ ދެއްވާފައިނުވާ ކަމަށް ވިދާޅުވެފައެވެ.