ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 18:32
ވޯލްޑް ކަޕަށް ހަމަލާ ދޭނެ ކަމަށް ބުނެ އައިއެސްއިން އާންމުކޮށްފައިވާ ޕޯސްޓަރު
ވޯލްޑް ކަޕަށް ހަމަލާ ދޭނެ ކަމަށް ބުނެ އައިއެސްއިން އާންމުކޮށްފައިވާ ޕޯސްޓަރު
ޓްވިޓަރ
ފީފާ ވޯލްޑް ކަޕް 2018
2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ހަމަލާދޭނެ ކަމުގެ އިންޒާރު އައިއެސްއިން ދީފި
އައިއެސްއިން ވަނީ ހަމަލާ ދޭނެ ކަމަށް އިންޒާރުދީ ޕޯސްޓަރެއް އާންމުކޮށްފައި
މިއީ ފީފާ ވޯލްޑް ކަޕަށް އަމާޒުކޮށް އައިއެސްއިން އިންޒާރު ދިން ފުރަތަމަ ފަހަރެއް ނޫން

އަންނަ އަހަރު ރަޝިއާގައި އޮންނަ  ފީފާ ވޯލްޑް ކަޕަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދީފިއެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިވެރިވާ ގްރޫޕެއް ކަމަށްވާ ވަފާ މީޑިއާ ފައުންޑޭޝަނުން ވަނީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ހަމަލާދޭނެ ކަމަށް ބުނެ ޓްވިޓާގައި ޕޯސްޓަރެއްގެ ޒަރިއްޔާއިން އިންޒާރު ދީފައެވެ. މި ޕޯސްޓަރުގައި ވަނީ ބާސެލޯނާގެ ތަރި އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޖަލުގެ ގޮޅިއެއްގައި ހުންނަ މަންޒަރެވެ. އަދި މެސީގެ ލޮލުން ލޭ އަންނަ ކަހަލަ ގޮތަކަށް ޕޯސްޓަރު ވަނީ ފަރުމާ ކުރެވިފައެވެ. އަދި މެސީ ލައިގެން ހުރި ޖަމްޕްސޫޓުގައި އޭނާގެ ނަން ލިޔެފައިވާއިރު މެސީގެ ފޮޓޯގެ ދަށުގައި އިނގިރޭސިން ވަނީ "ޖަސްޓް ޓެރަރިޒަމް" ލިޔެފައެވެ.

ހަމައެހެންމެ އެ ޕޯސްޓަރުގައި ވަނީ އައިއެސްއަކީ ބަލިނުކުރެވޭނެ ބައެއް ކަމަށާއި އެ ގްރޫޕަކީ "ބަލި" އެ ބަސް ދަންނަ ބައެއް ނޫން ކަމަށެވެ. މިއީ ފީފާ ވޯލްޑް ކަޕަށް އަމާޒުކޮށް އައިއެސްއިން އިންޒާރު ދިން ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މީގެ ކުރިން އެ ގްރޫޕުން ވަނީ ވޯލްޑް ކަޕްގެ ލޯގޯގައި ހުންނަ ތަށި ދެ ފަޅިވާ ގޮތަށާއި އެ ތަށީގައި އަލިފާން ރޯވެފައި ހުންނަ ގޮތަށް ޕޯސްޓަރު ހެދުމަށްފަހު އާންމު ކޮށްފައެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ބޭއްވުނު ޔުއެފާ ޔޫރޯ މުބާރާތަށާއި މިއަހަރު ބޭއްވުނު ޔުއެފާ ވިމެންސް ޔޫރޯއަށް ވެސް ހަމަލާ ދޭނެ ކަމަށް ޓެރަރިސްޓް ޖަމާއަތްތަކުން ވަނީ އިންޒާރުދީފައެވެ. އެހެނަސް މިއިން އެއްވެސް މުބާރާތަކަށް ހަމަލާ ދެވިފައެއް ނުވެއެވެ.

ރަޝިއާގެ ސަރުކާރުން މިކަމާ ގުޅިގެން އެއްވެސް އެއްޗެއް އަދި ބުނެފައިނުވާއިރު އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ސަލާމަތީ ކަންކަމާ ބެހޭގޮތުން ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރަޝިއާގެ 11 ސިޓީއެއްގައި ހުންނަ 12 ސްޓޭޑިއަމްއެއްގައި ކުރިޔަށްދާ ދުނިޔޭގެ ތަށްޓަށް ކުޅެވޭ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

- ކޮމެންޓް