ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ ޑަބްލިއުޓީއޭ ފައިނަލްސްގެ ސެމީގެ ޖާގައެއް ކެރޮލައިނާ ޕްލިސްކޯވާ ކަށަވަރު ކުރިއިރު ވީނަސް ވިލިއަމްސް ވެސް ފުރަތަމަ މޮޅު ހޯދައިފިއެވެ.
ޑަބްލިއުޓީއޭ ޓެނިސް ރޭންކިންގެ ގަދަ އަށެއްގައި ހިމެނޭ ކުޅުންތެރިންގެ މެދުގައި ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ ފައިނަލްސް މުބާރާތުގައި މިވަގުތު ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާ ވަނީ ސީދާ ދެ ސެޓުން މި އަހަރުގެ ވިމްބެލްޑަން މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ ގާބައިން މުގުރްޒާ ބަލިކޮށްފައެވެ. ގާތްގަނޑަކަށް 62 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗުގެ ސެޓުތަށް ޕްލިސްކޯވާ ގެންގޮސްފައިވަނީ 6-2 އަދި 6-2 އަކުންނެވެ. މި މެޗުން މޮޅުވުމާއެކު އޭނާއަށްވަނީ އޭނާ ހިމެނޭ ގްރޫޕުގެ އެއްވަނަ ކަށަވަރުވެ ސެމީގެ ޖާގައެއް ލިބިފައެވެ.
ފުރަތަމަ މެޗުގައި ޕްލިސްކޯވާ އަތުން ބަލިވި އެމެރިކާގެ ވީނަސް ވިލިއަމްސް ވަނީ މި އަހަރު ފްރެންޗް އޯޕަން ކާމިޔާބުކުރި ލެޓްވިއާގެ ޖެލޭނާ އޮސްޓަޕެންކޯ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. ތިން ގަޑިއިރާ 13 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 7-5 އަކުން ވީނަސް ގެންދިޔަ ނަމަވެސް އޮސްޓަޕެންކޯ ވަނީ 7-6 އަކުން ދެވަނަ ސެޓު ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ވީނަސް ގެންގޮސްފައި ވަނީ 7-5 އަކުންނެވެ. މި ގްރޫޕުން ދެން ކޮލިފައިވާނެ ކުޅުންތެރިޔަކު ކަށަވަރުވާނީ ބުރާސްފަތި ދުވަހު މުގުރްޒާއާ ވީނަސްއާ ދެ ކުޅުންތެރިން ކުޅޭ މެޗުންނެވެ.
ސެމީ ފައިނަލުގައި ޕްލިސްކޯވާ ވާދަކުރަން ޖެހޭނީ ދެވަނަ ގްރޫޕުން ދެވަނައަށް ދާ ކުޅުންތެރިޔަކާއެވެ. އަދި ވީނަސް ނުވަތަ މުގުރްޒާ ސެމީގައި ވާދަކުރަން ޖެހޭނީ ދެވަނަ ގްރޫޕުން އެއްވަނައަށް ދާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.
މި މުބާރާތް ކުރިޔަށް ދަނީ އަށް ކުޅުންތެރިން ދެ ގްރޫޕަކަށް ބަހާލައިގެން ރައުންޑް ރޮބިން ފޯމެޓަށެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައި ވެސް ހަތަރު ކުޅުންތެރިން ހިމެނޭއިރު ސެމީ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ކުޅުންތެރިންނަށެވެ. ޕްލިސްކޯވާ އަތުން ބަލިވި ވީނަސްއަކީ މި އަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.
މި މުބާރާތުގެ ފުރަތަމަ ގްރޫޕުގައި ހިމެނެނީ ރޯމޭނިއާގެ ސައިމޯނާ ހޭލެޕް އާއި ޔޫކްރެއިންގެ އެލީނާ ސްވިޓްލޯނާއާ ޑެންމާކުގެ ކެރޮލައިން ވޮޒްނިއާކީގެ އިތުރުން ފްރާންސްގެ ކެރޮލައިން ގާސިއާއެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ ސްޕެއިންގެ ގާބައިން މުގުރްޒާއާ ޗެކް ރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާއާ ލެޓްވިއާގެ ޖެލޭނާ އޮސްޓަޕެންކޯގެ އިތުރުން އެމެރިކާގެ ވީނަސް ވިލިއަމްސްއެވެ.