ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 17:21
ކްލައުޑިއޯ ބްރާވޯ -  އޭނާ ވަނީ މި މެޗުގައި 2 ޕެނަލްޓީ މަތަކޮށްފައި
ކްލައުޑިއޯ ބްރާވޯ - އޭނާ ވަނީ މި މެޗުގައި 2 ޕެނަލްޓީ މަތަކޮށްފައި
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
އީއެފްއެލް ކަޕް: ސިޓީއާ ޔުނައިޓެޑް އަދި އާސެނަލް ވެސް ކުއާޓާއަށް
އާސެނަލް ވަނީ 2-1 ގެ ނަތީޖާއަކުން ނޯވިޗް ސިޓީ ބަލިކޮށްފަ
މެންޗެސްޓާ ޔުނައިޓެޑް ވަނީ ސްވަންސީ ސިޓީ 2-0 އަކުން ބަލިކޮށްފަ
ސިޓީ ވަނީ ޕެނަލްޓީ ޖަހައިގެން ވުލްވަހެމްޕްޓަން ވޮންޑެރާސް ބަލިކޮށްފައި

އިނގިރޭސި ލީގް ކަޕްގެ ކުއާޓާ ފައިނަލުން މެންޗެސްޓާއަށް ނިސްބަތްވާ ދެ ކްލަބުގެ އިތުރުން އާސެނަލް ވެސް ޖާގަ ހޯދައިފިއެވެ.

އާސެނަލްއިން މި މުބާރާތުގެ ކުއާޓާގެ ޖާގައެއް ކަށަވަރު ކުރީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ނޯވިޗް ސިޓީ ބަލިކޮށްގެންނެވެ. ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީގެން މި މެޗަށް ނުކުތް އާސެނަލްއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެނަސް މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ޖަހާފައިވަނީ ނޯވިޗް ސިޓީ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޭމްސް މެޑިސަންގެ އެހީތެރިކަމާއެކު ޖޯޝް މާފީއެވެ.

ފުރަތަމަ ހާފު ނޯވިޗް ކުރީގައި އޮވެގެން ނިމިގެން ދިޔައިރު އާސެނަލްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 85 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބެންޗުން ކުޅެންއެރި ޒުވާން ފޯވާޑް އެޑްވާޑް އެންކޭޓިއާއެވެ. ދެ ޓީމު އެއްވަރުވެ އޮވެގެން ފުރިހަމަ ވަގުތު ހަމަވިއިރު އާސެނަލް މެޗުން މޮޅުވި ލަނޑު އެޑްވާޑް ޖަހައިދިނީ އިތުރު ވަގުތުގެ ގޮތުގައި ކުޅެން ޖެހުނު ފުރަތަމަ ހާފުގައެވެ.

މި މުބާރާތުގެ ކުއާޓާއިން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދީ ރަށުން ބޭރުގައި ސްވަންސީ ސިޓީ 2-0 އަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ތަނަވަސް ކޮށްދިން ފުރުސަތަކުން ޔުނައިޓެޑަށް ޖަހައިދިނީ ޖެސޭ ލިންގާޑްއެވެ. މި މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރު ވެގެން ދިޔައީ މެޗުގެ 59 ވަނަ މިނެޓުގައި މަޓެއޯ ޑާމިއަން ނަގައިދިން ހުރަހަކުން ޖެސޭ ލިންގާޑް ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ލަނޑެއް ކާމިޔާބު ކޮށްދީގެންނެވެ.

މެންޗެސްޓާ ސިޓީއިން މި މުބާރާތުގެ ކުއާޓާގެ ޖާގައެއް ކަށަވަރު ކުރީ ވުލްވަހެމްޕްޓަން ވޮންޑެރާސް ޕެނަލްޓީ ޖަހައިގެން ބަލި ކޮށްގެންނެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އަކުން ދެ ޓީމު އެއްވަރުވެފައި އޮތުމާ ވިދިގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން ޕެނަލްޓީގައި ސިޓީ ކުރި ހޯދީ 4-1 އަކުންނެވެ. ސިޓީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ދެ ޕެނަލްޓީ ސޭވް ކުރިއިރު އެ ޓީމުން ޕެނަލްޓީ ޖެހި ކެވިން ޑެ ބްރައިނާ އާއި ލެރޯއި ސާނޭ އާއި ޔާޔާ ޓޫރޭގެ އިތުރުން ސާޖިއޯ އަގުއޭރޯ ވަނީ އެ ކުޅުންތެރިން ޖެހި ޕެނަލްޓީތަށް ކާމިޔާބު ކޮށްފައެވެ.

މި ޓީމުތަކުގެ އިތުރުން ލެސްޓާ ސިޓީއާ ބޯންމައުތް ވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ލެސްޓާ ކުއާޓާގެ ޖާގައެއް ކަށަވަރު ކުރީ 3-1 އަކުން ލީޑްސް ބަލިކޮށްގެންނެވެ. މި މެޗުގައި ލެސްޓާއަށް ލަނޑުތަށް ޖަހައިދިނީ ކެލެޗީ އިހެނާޗޯއާ އިސްމާއިލް ސްލިމާނީގެ އިތުރުން ރިޔާދް މަހަރޭޒްއެވެ. ބޯންމައުތް ކުއާޓާގެ ޖާގައެއް ހޯދީ އަމިއްލަ ދަނޑުގައި 3-1 މިޑްލްސްބަރާ ބަލިކޮށްގެންނެވެ.

މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މެންޗެސްޓާ ޔުނައިޓެޑްއެވެ.  

- ކޮމެންޓް