ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 17:12
ހޯސޭ އަރަނިއާޒް -  އޭނާ ވަނީ ބާސާއަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖަހާފަ
ހޯސޭ އަރަނިއާޒް - އޭނާ ވަނީ ބާސާއަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖަހާފަ
ގެޓީ އިމޭޖަސް
ސްޕެނިޝް ކޮޕާ ޑެލްރޭ
ކޮޕާ ޑެލްރޭ: މޮޅަކާއެކު ބާސާއިން ތަށި ދިފާއުކުރުމުގެ މަސައްކަތް ފަށައިފި
ރެއާލް މުރްސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުން
ސެވިއްޔާ އިން ވަނީ ރަށުން ބޭރުގައި ތިން ލަނޑު ސުން ލަނޑުން ކާޓެގާނާ ބަލިކޮށްފަ
މިދިޔަ ސީޒަނުގައި ސްޕެނިޝް ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބާސެލޯނާ

ސްޕެނިޝް ކޮޕާ ޑެލެރޭގައި ކުޅުނު މެޗު ކާމިޔާބުކޮށް ތަށި ދިފާއު ކުރުމުގެ މަސައްކަތް ބާސެލޯނާއިން ފަށައިފިއެވެ.

ސްޕެއިންގެ ފުޓްބޯޅައިގެ ތިންވަނަ ޑިވިޝަނުގައި ކުޅޭ ރެއާލް މުރްސިއާ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. މި މެޗަށް ބާސާއިން ނުކުމެފައިވަނީ ގިނަ ޒުވާން ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެންނެވެ. ލިއޮނެލް މެސީއާ ލުއިސް ސުއަރޭޒްއާ އަންދްރޭސް އިނިއެސްޓާއާ ޕައުލީނިއޯގެ އިތުރުން މާކް އެންޑާ ޓާސްޓީޖެންއަށް ބާސާގެ ސްކޮޑުން ވެސް ފުރުސަތު ދީފައި ނުވާއިރު ތޯމަސް ވަމައެލަން ވަނީ މި މެޗުގައި ކުޅެ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބާސާގެ ޖާޒީގައި ފެނިގެން ގޮސްފައެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މުރްސިއާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބާސާގެ ޕަކޯ އަލްކޭސާ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދިނުމެވެ. ފުރަތަމަ ހާފު ނިމިފައިވަނީ އެއް ލަނޑު ސުން ލަނޑުން ރެއާލް މުރްސިއާގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ބާސާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ނަގާފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ޖެރާޑް ޑެއުލޯފޫ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ޑެއުލޯފޫ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ބާސާގެ ފުރަތަމަ އެގާރާގައި ހިމެނިގެން ފުރަތަމަ ފަހަރަށް ކުޅުނު ޒުވާން ފޯވާޑް ހޯސޭ އަރަނިއާޒް ވަނީ ލަނޑެއް ޖަހައިދީ ބާސާއަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

ސްޕެނިޝް ކޮޕާ ޑެލްރޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސެވިއްޔާ އިން ވަނީ ރަށުން ބޭރުގައި ތިން ލަނޑު ސުން ލަނޑުން ކާޓެގާނާ ބަލިކޮށްފައެވެ. މި މެޗުގައި ސެވިއްޔާއަށް ލަނޑު ޖަހައިދީފައިވަނީ ޕަބްލޯ ސަރާބިއާ އާއި ހޯކުއިން ކޮރޭއާގެ އިތުރުން ލުއިސް މުރިއެލްއެވެ. ހަމައެހެންމެ ވެލެންސިއާ ވެސް ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ރެއާލް ޒަރަގޯޒާ ބަލިކޮށްފައެވެ. މިމެޗުގައި ވެލެންސިއާއަށް ލަނޑުތަށް ޖަހައިދީފައިވަނީ ޑެނީ ޕަރޭހޯގެ އިތުރުން ރޮޑްރިގޯއެވެ. ސީޑީ ނުމަންސިއާ ވަނީ 2-1 އަކުން މަލާގާ ބަލިކޮށްފައެވެ. އަދި ގެޓާފޭ ވަނީ އަމިއްލަ ދަނޑުގައި 1-0 އަކުން ޑިޕޯޓިވޯ އަލަވޭސް އަތުން ބަލިވެފައެވެ.

މިދިޔަ ސީޒަނުގައި ސްޕެނިޝް ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބާސެލޯނާއެވެ.

- ކޮމެންޓް