ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ފީފާ "ދަ ބެސްޓް" އެވޯޑު މިފަހަރުވެސް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޯނާލްޑޯ ހޯދައިފިއެވެ.
ރޮނާލްޑޯ މި އެވޯޑު ހޯދާފައިވަނީ ބާސެލޯނާގެ ތަރި ލިއޮނެލް މެސީއާ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ފަހަތަށް ޖައްސާލުމަށްފަހުއެވެ. ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ރެއާލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބު ކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 48 މެޗުގައި 45 ލަނޑު ޖަހާފައެވެ.
މިއީ ރޮނާލްޑޯ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ފަސް ވަނަ ފަހަރެވެ. މި އެވޯޑާއެކު އޭނާވަނީ ލިއޮނެލް މެސީގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މެސީއަށް މިފަހަރު ދެވަނަ ލިބުނުއިރު ނޭމާއަށް ލިބިފައިވަނީ ތިންވަނައެވެ. މި ތިން ކުޅުންތެރިން ވަނީ މީގެކުރިން 2015 ވަނަ އަހަރުވެސް މި އެވޯޑަށް ވާދަކޮށްފައެވެ.
ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު މިފަހަރު ލިބިފައިވަނީ ނެދަލޭންޑްސް އަދި ބާސެލޯނާގެ ފޯވާޑް ލީކާ މާޓެންސްއަށެވެ. އޭނާ މި އެވޯޑު ހޯދީ އެމެރިކާގެ ކާލީ ލޮއިޑްއާ ވެނެޒުއޭލާގެ ޑޭނާ ކަސްޓަޔާނޯސް ފަހަތަށް ޖައްސާލުމަށްފަހުއެވެ.
ފީފާއިން މިއަހަރު ހޮވި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު ލިބިފައިވަނީ ޖުވެންޓަސްގެ ކެޕްޓަން ޖިއަންލުއީޖީ ބުފަންއަށެވެ. މި އެވޯޑަށް ބުފަންގެ އިތުރުން ވާދަކޮށްފައިވަނީ ރެއާލްގެ ކީޕަރު ކޭލާ ނަވާސްގެ އިތުރުން ބަޔާން މިއުނިކްގެ ކީޕަރު މެނުއެލް ނޯޔާއެވެ. ބުފަން ވަނީ މިދިޔަ ސީޒަނުގައި ޖުވެންޓަސް އާއެކު އިޓާލިއަން ސެރީ އޭ އާއި އިޓާލިއަން ކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.
ފީފާ "ޕްރޯ ވޯލްޑް އިލެވެން" ގައި މިފަހަރު ހިމެނިފައިވަނީ ޖުވެންޓަސްގެ ކީޕަރު ޖިއަންލުއީޖީ ބުފަންއާއި، ޑިފެންޑަރުންގެ ގޮތުގައި ޑެނީ އަލްވޭސްއާ މާސެލޯއާ ސާޖީއޯ ރާމޯސްއާ ލިއޮނާޑޯ ބޮނޫޗީ، މިޑްފީލްޑުގައި ލޫކާ މޮޑްރިޗްއާ ޓޯނީ ކްރޫސްއާ އަންދްރޭސް އިނިއެސްޓާ، އަދި ފޯވާޑް ލައިނުގައި ހިމެނެނީ ލިއޮނެލް މެސީއާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ނޭމާއެވެ.
މިދިޔަ ސީޒަނުގައި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއެވެ. އޭނާ މި އެވޯޑު ހޯދީ ޗެލްސީގެ އެންޓޯނިއޯ ކޮންޓޭއާ ޖުވެންޓަސްގެ މަސީމޯ އަލެގްރީއާ ވާދަކޮށެވެ. ޒިދާން ވަނީ މިދިޔަ ސީޒަނުގައި ރެއާލްއަށް ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބު ކޮށްދީފައެވެ.
ފީފާއިން ހޮވާ "ވިމެންސް ކޯޗް އޮފް ދަ އިޔާ" މިފަހަރު ލިބިފައިވަނީ ޔުއެފާ ޔުރޯ ނެދަލޭންޑްސްގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކާމިޔާބު ކޮށްދިން ކޯޗު ސަރީނާ ވިގްމަންއަށެވެ.
ފީފާ ޕުސްކާސް އެވޯޑު ނުވަތަ އެންމެ މޮޅު ގޯލުގެ އެވޯޑު މިފަހަރު ހޯދާފައިވަނީ އާސެނަލްގެ ފޯވާޑް އޮލިވިއާ ޖިރޫއެވެ. މި އެވޯޑު ލިބިފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އޭނާ ޖެހި "ސްކޯޕިއަން ކިކް" ގޯލަށެވެ.
ފީފާއިން ކޮންމެ އަހަރަކުދޭ ފީފާ "ފޭން" އެވޯޑު ނުވަތަ ސަޕޯޓަރުންނަށް ދޭ ޙާއްސަ އެވޯޑު މިފަހަރު ލިބިފައިވަނީ ސްކޮޓްލޭންޑްގެ ޗެމްޕިއަނުން ކަމަށްވާ ސެލްޓިކްގެ ސަޕޯޓަރުންނަށެވެ.
ފީފާ ފެއާޕްލޭ އެވޯޑު މިފަހަރު ލިބިފައިވަނީ ޓޯގޯގެ ފޯވާޑް ފްރާންސިސް ކޯނޭއަށެވެ. އޭނާއަށް މި އެވޯޑު ދީފައިވަނީ ފުޓްބޯޅަ މެޗެއްގެ ތެރެއިން ކުޅުންތެރިޔަކަށް ލިބުނު އަނިޔާއެއްގައި ފުރަތަމަ އެހީ ފޯރުކޮށްދީ އެ ކުޅުންތެރިޔާގެ ފުރާނަ ސަލަމާތްކޮށްދިނުމަށް ކުރި މަސައްކަތާ ވިދިގެންނެވެ.
މި އެވޯޑުތަކުގެ ހައްގުވެރިންނަށް އެވޯޑުތަށް ދީފައިވަނީ ލަންޑަނުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ.