ސްވިޑެންގެ ސްޓޮކްހޯމްގައި ކުރިޔަށްދިޔަ ސްޓޮކްހޯމް އޯޕެންގެ ޗެމްޕިއަންކަން އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯ ހޯދައިފިއެވެ.
އޭޓީޕީ ވޯލްޑް ޓުއާގެ މި މުބާރާތުގެ ޗެމްޕިއަންކަން ޑެލް ޕޮޓްރޯ ހޯދީ ފައިނަލުގައި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެއް ގަޑިއިރާ 25 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗުގެ ސެޓުތައް ޑެލް ޕޮޓްރޯ ގެންދިޔައީ 6-4 އަދި 6-2 އަކުންނެވެ.
މި މުބާރާތް 2016 ވަނަ އަހަރު ކާމިޔާބު ކުރި ފަހުން ޓެނިސްގެ އެއްވެސް މުބާރާތެއް ކާމިޔާބު ކޮށްފައިނުވާ ޑެލް ޕޮޓްރޯ ޗެމްޕިއަންކަން ހޯދުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ މި ހަފްތާގައި އޭނާގެ އެންމެ ރަނގަޅު ކުޅުން ދެއްކިފައި ވަނީ ޑިމިޓްރޯވްއާ ދެކޮޅަށް ކަމަށާއި އަހަރެއްހާ ދުވަސް ފަހުން އަނެއްކާ ވެސް އެނބުރި އައިސް މި މުބާރާތް ކާމިޔާބު ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ.
ފްރާންސްގެ ޖޯ ވިލްފްރީޑް ސޮންގާ ވަނީ ޔޫރަޕިއަން އޯޕަންގެ ފައިނަލުގައި ދުނިޔޭގެ 26 ވަނައިގައި ރޭންކް ކުރެވިފައިވާ އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން ސީދާ ދެ ސެޓުން ބަލިކޮށް މި އަހަރު އޭނާގެ ހަތަރު ވަނަ މުބާރާތް ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ސެޓުތައް ސޮންގާ ގެންދިޔައީ 6-3 އަދި 7-5 އަކުންނެވެ.
މި މުބާރާތް ކާމިޔާބު ކުރުމާ އެކު އަންނަ މަހު ލަންޑަންގައި އޮންނަ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލުން ޖާގަ ހޯދުމަށް ޑެލް ޕޮޓްރޯ ކުރަމުން އަންނަ މަސައްކަތައް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން އޭނާއަށް ވަނީ ދުނިޔޭގެ ރޭންކިންގެ 14 ވަނަ ކަށަވަރުވެފައެވެ. އޭޓީޕީ ވޯލްޑް ޓުއާ ފައިނަލުން ޖާގަ ލިބެނީ ރޭންކިންގެ ގަދަ އަށް ކުޅުންތެރިންނަށް ވާއިރު އަށް ވަނައިގައި އޮތް ޕަބްލޯ ބަސްޓާއަށް ލިބިފައިވަނީ ޑެލް ޕޮޓްރޯއަށް ވުރެ 470 ޕޮއިންޓް އިތުރަށެވެ.