ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 13:19
ރެއާލް މެޑްރިޑް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ރެއާލް މެޑްރިޑް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: އެއިބާ ބަލިކޮށް ރެއާލް ތިންވަނަ އަށް ޖެހިލައިފި
ރެއާލް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައި
އެއިބާ އޮތި ކުޅުނު ނުވަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައި

ސްޕެނިޝް ލަލީގާގައި އެއިބާ ބަލިކޮށް ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެއިބާއާ ވާދަކޮށް ރެއާލް އިން މެޗު ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން 18 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ އެއިބާގެ އޮލިވިއެރާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ލަނޑަށްފަހު ވެސް ރެއާލް އިން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތުތައް ހޯދަމުންނެވެ. އެގޮތުން 28 ވަނަ މިނެޓުގައި މާކޯ އެސެންސިއޯ ކާމިޔާބު ކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާ ކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އެއިބާގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. އެހެން ނަމަވެސް އެއިބާ އިން ވަނީ ދެވަނަ ހާފްގައި މޮޅު ޑިފެންސެއް ކޮށްފައެވެ. އެގޮތުން ރެއާލް އަށް ލަނޑު ޖެހުމަށް ދަތިތަކާ ކުރިމަތިވިއެވެ.

ރެއާލް އިން މެޗުގައި ޖެހި ތިންވަނަ ލަނޑު 82 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މާސެލޯއެވެ. މީގެއިތުރުންވެސް އެޓީމަށް ވަނީ ލީޑު އިތުރަށް ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި އެއިބާ އޮތި ކުޅުނު ނުވަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 25 ޕޮއިންޓާއެކު ބާސާ އޮތްއިރު، ދެވަނައިގައި 21 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ.

- ކޮމެންޓް