ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 13:08
އާސެނަލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
އާސެނަލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ފްރިމިއާ ލީގު
ފްރިމިއާ ލީގު: އެވަޓަން ބަލިކޮށް އާސެނަލް ފަސްވަނައަށް ޖެހިލައިފި
އާސެނަލް ވަނީ ހަތަރުވަނައިގައި އޮތް ޗެލްސީއާ އެއް އަދަދަކަށް ޕޮއިންޓް ހަމަކޮށްފައި
އެވަޓަން އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 8 ޕޮއިންޓާއެކު 18 ވަނައިގައި

ޕްރިމިއާ ލީގުގައި އެވަޓަން ބަލިކޮށް އާސެނަލް ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އެވަޓަންއާ ވާދަކޮށް އާސެނަލް މެޗު ކާމިޔާބުކުރީ 2-5 ގެ ނަތީޖާއަކުންނެވެ.

އެވަޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ އާސެނަލްއެވެ. އެގޮތުން އާސެނަލް އިން ދިޔައީ އެވަޓަންގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށްވެސް ފުރުސަތު ހޯދަމުންނެވެ.

އެހެން ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެވަޓަންއެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ވޭން ރޫނީއެވެ. މި ލަނޑާއެކު އާސެނަލް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ.

އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 40 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ނެޗޯ މޮންރިއަލްއެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފްގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމުން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގީ 53 ވަނަ މިނެޓުގައެވެ. މި ލަނޑު އެލެކްސަސް ސަންޗޭޒްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބު ކޮށްދިނީ މެސުތް އޮޒިލްއެވެ.

މެޗުގެ 70 ވަނަ މިނެޓުގައި އެވަޓަންގެ ގުއައި އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައިވާއިރު، މެޗުގެ ބާކީ 20 މިނެޓު އެވަޓަން އިން ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.

އާސެނަލް އިން މެޗުގައި ކާމިޔާބު ކުރި ތިންވަނަ ލަނޑޫ 74 ވަނަ މިނެޓުގައި އޮޒިލްގެ އެހީތެރިކަމާއެކު ލަކަޒެޓް ކާމިޔާބު ކޮށްފައިވާއިރު، ހަތަރުވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖެކް ވިލްޝެއާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ އާރޮން ރަމްސީއެވެ.

މެޗުގެ އިތުރުވަގުތުގެ ތެރޭގައި އެވަޓަންގެ ނިއަސޭ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައިވާއިރު، މެޗު ނިމެމުންދަނިކޮށް އާސެނަލްގެ ފަސްވަނަ ލަނޑު ރަމްސީގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ސަންޗޭޒްއެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ ހަތަރުވަނައިގައި 16 ޕޮއިންޓާއެކު އޮތް ޗެލްސީއާ އެއް އަދަދަކަށް ޕޮއިންޓް ހަމަކޮށްފައެވެ. އެހެންނަމަވެސް އާސެނަލް އަށް ލަނޑުގެ ތަފާތުން ލިބުނީ ފަސްވަނައެވެ. އެވަޓަން އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 8 ޕޮއިންޓާއެކު 18 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް