ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 12:24
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓޮޓެންހަމް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޮްޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ބޮޑު ތަފާތަކުން ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ޓޮޓެންހަމް ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެއް އަދަދަކަށް ޕޮއިންޓް ހަމަކޮށްފައި
ލިވަޕޫލް އޮތީ 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައި

ޕްރިމިއާ ލީގުގައި ބޮޑު ތަފާތަކުން ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް ހޮޓްސްޕާސް ކުރި ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލްއާ ވާދަކޮށް ޓޮޓެންހަމް ކާމިޔާބު ކުރީ 1-4 ގެ ތަފާތުބޮޑު ނަތީޖާ އަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ. މި ލަނޑަށް ފަހުވެސް ޓޮޓެންހަމް އިން ދިޔައީ ލިވަޕޫލްގެ ހާފަށް ބާރުބޮޑު ކުރަމުންނެވެ.

އެގޮތުން 12 ވަނަ މިނެޓުގައި ސޮން ވަނީ ޓޮޓެންހަމް އަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ، ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. އެހެން ނަމަވެސް 24 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ވަނީ ލަނޑެއް ކާމިޔާބުކޮށް ލިވަޕޫލް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމްއަށް އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޑެލެއަލީއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-3 ގެ ނަތީޖާއިން ލިވަޕޫލްގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ޓޮޓެންހަމް އެވެ. އެގޮތުން އެޓީމުން ވަނީ ލިވަޕޫލްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ދެވަނަ ހާފްގައި ލިވަޕޫލް އަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ޓޮޓެންހަމް އިން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު 56 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ. ކޭންގެ މި ލަނޑާއެކު ޕްރިމިއާ ލިގުގައި ލިވަޕޫލް ކޮޅަށް ވަތް ލަނޑުގެ އަދަދު ވަނީ 1،000 އަށް އަރާފައެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ޓީމެއް ކޮޅަށް 1،000 ލަނޑު ވަދެފައިވާ ޓީމުގެ އަދަދު ލިވަޕޫލްއާއެކު ވަނީ ހަ ޓީމަށް އިތުރުވެފައެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ޕޮއިންޓް ތާވަލުގެ ދެވަނަގައި 20 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއް އަދަދަކަށް ޕޮއިންޓް ހަމަކޮށްފައެވެ. އެހެން ނަމަވެސް ޓޮޓެންހަމް އަށް ޕޮއިންޓް ތާވަލުގެ ތިންވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. ލިވަޕޫލް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ.

 

 

 

 

 

- ކޮމެންޓް