ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 15:17
ދެވަނަ ޑިވިޝަންގެ ތަށި ގްރީން ސްޓްރީޓްގެ ކުރީގެ ކެޕްޓަން އިސްމާއިލް ފަރުހާދު (ފަރޭ) އެފްއޭއެމް ހަވާލުކުރަނީ
ދެވަނަ ޑިވިޝަންގެ ތަށި ގްރީން ސްޓްރީޓްގެ ކުރީގެ ކެޕްޓަން އިސްމާއިލް ފަރުހާދު (ފަރޭ) އެފްއޭއެމް ހަވާލުކުރަނީ
ފޭސްބުކް
ފަރުހާދު އިސްމާއިލް (ފަރޭ)
މިއަހަރު ކުޅުން ހުއްޓާލުމަށް ފަހު، ފަރޭގެ ވިސްނުން ކޯޗިން އަށް
ކުޅުން އެއްކޮށް ހުއްޓާލުމުގެ ވިސްނުން އަދިވެސް ނެތް
ކޯޗިން އިން ރަނގަޅު ފުރުސަތެއް ލިބުމުން ކުޅުން ހުއްޓާލާނަން
މި އަހަރު ވޮލީ ކޯޓުން ފެނުމުގެ ފުރުސަތުވެސް އެބައޮތް

މި އަހަރު ފުޓުބޯޅަ ކުޅެނިކޮށް ނުފެންނާނެ ކަމަށާއި، އެހެންނަމަވެސް ކޯޗިން ދާއިރާއިން ފެނުން ކައިރިކަމަށް ގްރީން ސްޓްރީޓަށް ކުޅެމުން އައި ފަރުހާދު އިސްމާއިލް (ފަރޭ) ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ފަރޭ ބުނީ ގްރީން އަކީ އޭނާ ވަރަށް ލޯބިވާ ކްލަބެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ މި އަހަރު ދެން އެ ކްލަބުންވެސް ނުފެންނާނެ ކަމަށާއި، ކްލަބް ދޫކޮށްލަން ނިންމީ އަމިއްލަ ސަބަބުތަކާހެދި ކަމަށެވެ.

ގްރީންގެ ކެޕްޓަންކަން ވެސް ކުރަމުން އައި ފަރޭ ބުނީ މި އަހަރު ކުޅުން ހުއްޓާލި ނަމަވެސް އޭނާ ފުޓުބޯޅަ އަށް ކުރާ ހިދުމަތް ހުއްޓާނުލާނެ ކަމަށެވެ. އެގޮތުން ދެވަނަ ޑިވިޝަންގެ ޓީމެއްގެ ބެންޗުން ވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 32 އަހަރުގެ ފަރޭ ބުނީ އޭނާ ކުޅުން އެއްކޮށް ހުއްޓާލުމުގެ ވިސްނުން އަދިވެސް ނެތް ކަމަށެވެ. އެގޮތުން ފަރޭ ބުނީ އަންނަ އަހަރު ޓްރާންސްފާ ހުޅުވާލުމުން، ރަނގަޅު ކްލަބަކުން ފުރުސަތު ލިބިއްޖެނަމަ، އޭނާ އެ ކްލަބަކަށް ކުޅޭނެ ކަމަށެވެ.

އެހެންނަމަވެސް އޭނާ ބުނީ ނުކުޅެވޭ ވަރަށް ފިޓްނަސް ލެވެލް ދަށްވުމުން ނުވަތަ ކޯޗިން އިން ކުރިޔަށްދާން ރަނގަޅު ފުރުސަތެއް ލިބުމުން ކުޅުން ހުއްޓާލާނެ ކަމަށެވެ.

Caption

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރޭ ގްރީން އަށް ކުޅުން ހުއްޓާލީ އެޓީމުގެ ކޯޗު މުހައްމަދު ސޮބާހް (ސޮބާ)އާ ހިތްހަމަނުޖެހިގެންނެވެ. އެގޮތުން ދިވެހި ޕްރިމިއާ ލީގުގައި ނިއު އަތުން 0-3 ގެ ނަތީޖާއިން ގްރީން ބަލިވި މެޗަށް ފަހު، ފަރޭ ވަނީ ސޮބާއަށް ނިސްބަތްވާގޮތަށް ނުސީދާގޮތަކަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ގްރީން 0-1 ގެ ނަތީޖާއިން ބަލިވި މެޗުގައި ބަދަލުކުރުމުން، ސަޕޯޓަރުން ތެރޭގައި އިނދެ ކުޅިވަރުގެ ރޫހާ ހިލާފުވާ ފަދަ ބަހުރުވައަކުން ރެފްރީއާ ނިސްބަތްކޮށް އެއްޗެއް ބުނެފައިވާކަމަށް ބުނެ އެފްއޭއެމް އިން ވަނީ ފަރޭ ތިން މެޗަށް ސަސްޕެންޑުކޮށް، 3،000 ރުފިޔާ އިން ޖޫރިމަނާ ވެސްކޮށްފައެވެ.

ފަރޭ ބުނީ މިއަހަރު ފުޓުބޯޅައިގެ ދާއިރާއިން އޭނާ ނުފެނިއްޖެނަމަ އެންމެ ފެނުން ކައިރީ ވޮލީ ކޯޓުން ކަމަށާއި، އެގޮތުން މިހާރުވެސް ބައެއް މުބާރާތްތަކުގައި ކުޅުމަށް ފުރުސަތު ލިބިފައިވާކަމަށެވެ.

މީގެކުރިން ގައުމީ ސީނިއާ ޓީމަށް އަދި 23 އަހަރުން ދަށުގެ ޓީމަށް ކުޅެފައިވާ ފަރޭ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ބީޖީ ސްޕޯޓްސް އަށްވެސް ކުޅެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް