ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 18:53
ނިކް ކިރްގިއޯސް (ކ) އަދި ތޯމަސް ބާޑިޗް (ވ): އަނިޔާގެ ސަބަބުން މި ދެ ކުޅުންތެރިންނަށް ވެސް ވަނީ ސީޒަން ނިމިފައި
ނިކް ކިރްގިއޯސް (ކ) އަދި ތޯމަސް ބާޑިޗް (ވ): އަނިޔާގެ ސަބަބުން މި ދެ ކުޅުންތެރިންނަށް ވެސް ވަނީ ސީޒަން ނިމިފައި
ގެޓީ އިމޭޖަސް
އޭޓީޕީ ވޯލްޑް ޓުއާ
ކިރްގިއޯސް އާއި ބާޑިޗްއަށް ސީޒަން ނިމިއްޖެ
ކިރްގިއޯސްއަށް ސީޒަން ނިމުނީ އުނަގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން
ބާޑިޗްއަށް ސީޒަން ނިމުނީ ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން
މި ދެ ކުޅުންތެރިންގެ އިތުރުން ގިނަ ކުޅުންތެރިންތަކަކަށް ސީޒަން ވަނީ ނިމިފައި

ދުނިޔޭގެ ޓެނިސް ރޭންކިންގެ ގަދަ 20 ގައި ހިމެނޭ ދެ ކުޅުންތެރިން ކަމަށްވާ ނިކް ކިރްގިއޯސް އާއި ތޯމަސް ބާޑިޗްއަށް އަނިޔާގެ ސަބަބުން ސީޒަން ނިމިއްޖެއެވެ.

ދުނިޔޭގެ 20 ވަނާގައި ރޭންކް ކުރެވިފައިވާ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ވަނީ އޭނާގެ އުނަގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަނުގައި ދެން އިތުރު މުބާރާތެއްގައި ވާދަނުކުރާނެ ކަން ކަށަވަރު ކޮށްދީފައެވެ. ޖޫން މަހު އޭނާގެ އުނަގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކިރްގިއޯސްއަށް މި ސީޒަނުގައި ތަފާތު އެކި ހުރަސްތަކަކާއި ވަނީ ދިމާވެފައެވެ.

އެގޮތުން ކިރްގިއޯސް ބުނެފައިވަނީ މި އަހަރަކީ އޭނާއަށް ވަރަށް ދަށް ކުޅުމެއް ދެއްކުނު އަހަރެއް ކަމަށާއި ކޯޓުން ބޭރުގައި ދިމާވި ތަފާތު އެކިއެކި ކަންކަމުގެ ސަބަބުން މުބާރާތްތަކުގައި ކުރިޔަށް ދިއުމަށް ބޮޑެތި ހުރަސްތަކަކާއި ކުރިމަތިވި ކަމަށެވެ. އެގޮތުން ޗައިނާ އޯޕަންގެ ފައިނަލްގައި ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަޑާލްގެ އަތުން ބަލިވިތާ ދެ ދުވަސް ފަހުން ޝަންގްހާއި މާސްޓާސްގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ދޫ ކޮށްލުމާއި ވިދިގެން އޭޓީޕީއިން ކިރްގިއޯސް 10،000 ޑޮލަރުން ޖޫރިމަނާ ކުރިއެވެ.

ދުނިޔޭގެ 18 ވަނައިގައި ރޭންކު ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ ތޯމަސް ބާޑިޗް ބުނެފައިވަނީ، މި ސީޒަނުގައި އިތުރު މުބާރާތްތަކުގައި ވާދަނުކުރުމަށް އޭނާގެ މެޑިކަލް ޓީމުން އިރުޝާދު ދީފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ވިމްބެލްޑަން މުބާރާތުގައި ބުރަކަށްޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން ގިނަ މުބާރާތްތަކުގައި ކުޅެމުން ދިޔައީ ވަރަށް ބޮޑު ރިސްކަކާއިއެކު ކަމަށެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ އޮސްޓްރޭލިއަން އޯޕަން އަށް މުޅިން ފިޓުކޮށް ހުންނަން ބޭނުންވުމަކީވެސް، މި އަހަރު އިތުރު މުބާރާތެއްގައި ވާދަ ނުކުރަން ނިންމި ސަބަބެއް ކަމަށް ބާޑިޗް ބުނެފައިވެއެވެ. މި ނިންމުމުގެ ސަބަބުން އޭނާއަށް އަންނަ ހަފްތާގައި ފަށާ އާސްޓޭ ބޭންކް އޯޕަން 500 އަދި ވިއެނާ މާސްޓާސްގެ އިތުރުން ޕެރިސް މާސްޓާސް ގެއްލޭނެއެވެ.

މިދިޔަ ހަފްތާގައި ދުނިޔޭގެ އެއް ނަމްބަރު ކުޅުންތެރިޔާ ރަފައޭލް ނަޑާލް ވެސް ވަނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސްވިސް އިންޑޯ ބަސެލް މުބާރާތުން ވަކިވެފައެވެ.

ބާޑިޗް އާއި ކިރްގިއޯސްގެ އިތުރުން ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން މި ސީޒަނުގައި އިތުރު މުބާރާތްތަކުގައި ވާދަނުކުރެވޭނެކަން ވަނީ ކަށަވަރު ވެފައެވެ. އޭގެތެރޭގައި އެންޑީ މުރޭ އާއި ނޮވަކް ޖޮކޮވިޗްގެ އިތުރުން ސްޓަން ވަވަރިންކާ ހިމެނެއެވެ.

- ކޮމެންޓް