ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 06:04
މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ސެވިއްޔާ އާއި ދެކޮޅަށް ލެސްޓާ ސިޓީ ކުޅެނީ
މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ސެވިއްޔާ އާއި ދެކޮޅަށް ލެސްޓާ ސިޓީ ކުޅެނީ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ޗެމްޕިއަން ރެއާލް އަށްވުރެ ގިނަ ފައިސާ ލެސްޓާ ސިޓީ އަށް
ލެސްޓާ އަށް 81.7 މިލިއަން ޔޫރޯ ލިބުނުއިރު، ރެއާލް އަށް ލިބުނީ 81 މިލިއަން ޔޫރޯ
ރެއާލް އަދި ލެސްޓާ އަށްވުރެ ގިނައިން ފައިސާ ލިބިފައިވަނީ ރަނަރަޕް ޔުވެންޓަސް އަށް އެކަނި

މިދިޔަ ސީޒަނުގެ ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ސްޕެއިންގެ ރެއާލް މެޑްރިޑަށް ވުރެ ގިނަ ފައިސާ، މުބާރަތުގެ ކުއާޓަރ ފައިނަލުން ކެޓި އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް ލެސްޓާ ސިޓީ އަށް ލިބިއްޖެ އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ މުބާރާތާއި ވަކިވާން ޖެހުނު ލެސްޓާ އަށް، އެމުބާރާތުން 81.7 މިލިއަން ޔޫރޯ ލިބިފައިވެއެވެ. އެމުބާރާތަކީ ޗެމްޕިއަންސް ލީގުގައި ލެސްޓާ ވާދަކުރި ފުރަތަމަ މުބާރާތެވެ.

ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 81 މިލިއަން ޔޫރޯ އެވެ.

ޗެމްޕިއަންސް ލީގުން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ މުބާރާތުގެ ރިހިމެޑަލް ހޯދި އިޓަލީގެ ޔުވެންޓަސް އެވެ. އެމުބާރާތުން ޔުވެންޓަސް އަށް 110.4 މިލިއަން ޔޫރޯ ލިބުނެވެ.

މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި 10-2ގެ އެގްރިގޭޓުން ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބަލިވެ މުބާރާތާއި ވަކިވާން ޖެހުނު އާސެނަލް އަށް ވަނީ 64.6 މިލިއަން ޔޫރޯ ލިބިފައެވެ. މީގެ އިތުރުން ދެވަނަ ބުރުން ކެޓި މެންޗެސްޓަރ ސިޓީ އަށް 50.2 މިލިއަން ޔޫރޯ ލިބުނުއިރު، ގްރޫޕް ސްޓޭޖުން ކެޓި ޓޮޓެންހަމް އަށް ލިބިފައިވަނީ 43.2 މިލިއަން ޔޫރޯ އެވެ. ޓޮޓެންހަމްގެ އިތުރުން ގްރޫޕް ސްޓޭޖުން ކެޓި ސްކޮޓްލެންޑްގެ ސެލްޓިކް އަށް 31.7 މިލިއަން ޔޫރޯ ލިބިފައިވެއެވެ.

ޔުއެފާ އިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ސީޒަނުގައި ޔުއެފާގެ މުބާރަތްތަކުގައި ވާދަކުރި ކްލަބުތަކަށް ދޫކުރި ޖުމްލަ ފައިސާގެ އަދަދު ގާތްގަނޑަކަށް 1.4 ބިލިއަން ޔޫރޯ އަށް އަރައެވެ.

ޔޫއެފާ އިން ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި ބާއްވާ ދެވަނަ ފަންތީގެ މުބާރާތް، ޔުއެފާ ޔޫރޮޕާ ލީގު މިދިޔަ ސީޒަނުގައި ކާމިޔާބު ކުރި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް 44.5 މިލިއަން ޔޫރޯ ލިބިފައިވެއެވެ. މިއީ އެމުބާރާތުގައި ވާދަކުރި އެހެން ޓީމުތަކަށް ލިބުނު ފައިސާ އާއި އަޅާބަލާއިރު، ދެގުނަ އަށްވުރެ ބޮޑު އަދަދެކެވެ.

- ކޮމެންޓް