އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގެ މެޗުތަށް ބަލާލުމަށް ރަޝިއާއަށް އައުމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާއަށް އެ ގައުމުގެ ރައީސް ވްލަޑްމިއާ ޕޫޓިން ދިން ދައުވަތު ގަބޫލްކޮށްފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސްކަން 17 އަހަރު ކުރެއްވި ބްލެޓާ ބުނެފައި ވަނީ އަންނަ އަހަރުގެ ވޯލްޑްކަޕް ބަލާލުމަށް ރަޝިއާއަށް އައުމަށް އެ ގައުމުގެ ރައީސް ޕޫޓިން ދައުވަތު ދެއްވާފައިވާ ކަމަށާއި އަދި އޭނާ އެ ދައުވަތު ގަބޫލްކުރަން ނިންމާފައިވާ ކަމަށެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި 2015 ވަނަ އަހަރު 81 އަހަރުގެ ބްލެޓާ ފުޓްބޯޅައިގެ ހަރަކާތްތަކުން އަށް އަހަރަށް ސަސްޕެންޑް ކުރި ނަމަވެސް ފީފާގެ އެތިކްސް ކޮމިޓީއިން ވަނީ އެ ސަސްޕެންޝަން ހަ އަހަރަށް ކުޑަ ކޮށްދީފައެވެ. ބްލެޓާގެ މައްޗަށް ސާބިތުވެފައި ވަނީ 2011 ވަނަ އަހަރު އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި ޔުއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީއަށް 1.3 މިލިއަން ޔޫރޯ ހުށަހެޅި ކަމެވެ. އެހެނަސް ބްލެޓާ ވެސް އަދި ޕްލެޓިނީ ވެސް ވަނީ މި ތުހުމަތުތަށް ދޮގުކޮށްފައެވެ.
ރަޝިއާގައި ވޯލްޑް ކަޕް ބޭއްވުމަށް ފީފާއިން އިއުލާންކުރީ 2010 ވަނަ އަހަރުއެވެ. މި އަހަރު ފީފާއިން ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ޤަތަރުގައި ބޭއްވުމަށް ނިންމާފައެވެ. އެހެނަސް 2014 ވަނަ އަހަރު ޝާއިއުކުރި "ގާސިއާ" ރިޕޯޓުން ވަނީ މި ދެ ގައުމުގައިވެސް ވޯލްޑް ކަޕް ބޭއްވުމަށް ފީފާއިން ނިންމި ނިންމުމުގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިމެނިފައިނުވާ ކަމަށެވެ.
އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑްކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.