އޮލިވިއާ ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން ރެޑް ސްޓާ ބެލްގްރޭޑް އަތުން އާސެނަލް މޮޅުވެއްޖެއެވެ.
ޔުއެފާ އިޔުރޯޕާ ލީގުގައި ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އާސެނަލްއިން މުޅި މެޗު ވެސް ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް ރެޑް ސްޓާ ބެލްގްރޭޑް އިން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއަށް ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ އެ ޓީމުގެ ފޯވާޑް ތިއޯ ވޮލްކޮޓްއަށެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ވިލްޝިއާ ނެގި ހުރަހެއްގައި އޭނާ ފޮނުވާލި ހަމަލާ ރެޑް ސްޓާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި ހާފުގައި ރެޑް ސްޓާއަށް އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ އެ ޓީމުގެ ފޯވާޑް ރިޗްމޮންޑް ބޮކްޔޭއަށެވެ. އެގޮތުން 25 ވަނަ މިނެޓުގައި އޭނަ ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ އާސެނަލްގެ ގޯލުގެ ދަނޑިއަށެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި މެޗުގައި ރެޑް ސްޓާއަށް އިތުރު ހުރަސްތަކަކާ ކުރިމަތިވެގެން ދިޔައީ 80 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑާ މިލާން ރޮޑިޗްއަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އެ ޓީމުން 10 ކުޅުންތެރިންނާ އެކު ކުޅެމުން ދަނިކޮށް ބެންޗުން ކުޅެން އެރި ޖިރޫ ވަނީ ހިތްގައިމު ލަނޑެއް ޖަހާ އާސެނަލްއަށް މެޗުގެ ލީޑު ނަގައިދީފައެވެ.
ޔުއެފާ އިޔުރޯޕާ ލީގުގައި އޭސީ މިލާން އާއި އޭއީކޭ އެތެންސް ކުޅުނު މެޗު ނިމިފައިވަނީ 0-0 އަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެވަޓަން ވަނީ 2-1 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި އޮލިމްޕިކް ލިޔޯން އަތުން ބަލިވެފައެވެ.