ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު އަދި އައްޑޫ ސިޓީން ހޮވާލި 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ކުޅޭ ރަހްމަތްތެރިކަމުގެ މެޗު ހޮނިހިރު ދުވަހު ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.
މެޗާ ބެހޭ ގޮތުން އެފްއޭއެމްގެ ނައިބު ރައިސާ އައިޝަތު ނާޒިމާ ވިދާޅުވީ، މެޗަށް ދެ ޓީމު ވެސް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، މެޗު ޕްރޮމޯޓްކުރުމަށް އައްޑޫގައި އެކި ހަރަކާތްތައް ކުރިޔަށްގެންދާ ކަމަށެވެ.
އެގޮތުން ނާޒިމާ ވިދާޅުވީ، މެޗު ޕްރޮމޯޓްކުރުމަށް އައްޑޫގެ އެކި ސަރަހައްދުތަކުގައި ޕޯސްޓަރު ހަރުކޮށް، ރޯޑްޝޯތައް ހިންގަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މެޗަށް ވަރަށް ގިނަ ސަޕޯޓަރުން އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު އަދި އައްޑޫ ސިޓީން ހޮވާލި 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވާނީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.
އެފްއޭއެމްއިން ވަނީ އައްޑޫ ސިޓީ އެކި ރަށްތަކުން ކުޅުންތެރިން ހޯދުމަށް ފަހު އެ ސިޓީގައި 19 އަހަރުން ދަށުގެ ޓީމެއް އެކުލަވާލާފައެވެ. އެގޮތުން މި ޓީމަށް ކުޅުންތެރިން ހޮވާފައި ވަނީ ރާއްޖޭގެ ނަން މަޝްހޫރު ފަސް ކޯޗެއްގެ ބެލުމުގެ ދަށުން ބޭއްވި ޓްރައިލްތަކެއްގައި ކަމަށް އެފްއޭއެމްއިން ހާމަކޮށްފައި ވެއެވެ.
އައްޑޫ އިން އެކުލަވާލި ޓީމު އަދި 19 އަހަރުން ދަށުގެ ޓީމު ކުޅޭ މެޗުގައި ދެ ޓީމުން ވެސް ބޭނުންކުރާނީ ގައުމީ ޖޯޒީ ކަމަށާއި، އެގޮތުން ގައުމީ ޓީމުން ރަތް ކުލަ ބޭނުންކުރާއިރު، އައްޑޫގެ ޓީމުން ބޭނުންކުރާނީ ނޫ ޖޯޒީ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ. ހަމައެހެންމެ އައްޑޫގެ ޓީމުގެ ކޯޗުކަން ކުރާނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ކޭން ވަންލީ އެވެ.
ޒުވާން ޓީމުތައް ބިނާކުރުމަށް އެފްއޭއެމް އިން ކުރާ މަސައްކަތުގެ ދަށުން އެކުލަވާލި މި ޓީމުވެގެން ދާނީ 19 އަހަރުން ދަށުގެ ބެކަޕް ޓީމެއްގެ ގޮތުގައި ކަމަށާއި، އެޓީމު ބިނާކުރުމަށް އެފްއޭއެމް އިން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ. ހަމަމިއާ އެކު އައްޑޫ އިން އެކުލަވާލާ ޓީމުން ފާހަގަކުރެވޭ ކުޅުންތެރިންނަށް 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕުގައި 18 އަހަރުން ދަށުގެ ޓީމުން ވާދަކުރިއިރު ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފައެވެ. ހަމައެހެންމެ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ވެސް އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގައި ވާދަކޮށް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. މިކަމުގެ ސަބަބުން އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން އެ އިދާރާއިން ވަނީ ރާއްޖޭގެ ޒުވާން ޓީމުތަށް ބިނާކުރުމަށް މަސައްކަތް ފަށާފައެވެ.