އާސެނަލް އަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފިލްޑަރު މެސުޓް އޮޒިލް މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން އުޅޭ ވާހަކަ އޭނާ ޓީމު ކުޅުންތެރިން ކައިރީ ބުނަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދަ މިރާ އިން ބުނީ ޓްރާންސްފާގައި އޮޒިލް ޔުނައިޓެޑަށް ވިއްކާލާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އޮތް ކަމަށާއި، އެގޮތުން ޓީމުގެ ބައެއް ކުޅުންތެރިން ކައިރީ މިހާރު ވެސް އެ ވާހަކަ އޭނާ ބުނެފައިވާ ކަމަށެވެ.
އަންނަ ޖެނުއަރީ ޓްރާންސްފާގައި އޮޒިލް އެހެން ކްލަބަކަށް ވިއްކާލަފާނެ ކަމަށް، މިދިޔަ ހަފްތާގައި އާސެނަލްގެ ކޯޗު އާސެން ވެންގާ ވެސް ވަނީ އެއްބަސްވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މީގެ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު އޮޒިލް ބޭނުން ވަނީ އޭނާ އަށް އެ ކްލަބުގައި އިރުޝާދުދިން އަދި މިހާރު ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ކުޅޭށެވެ.
މި ސީޒަނަށް ފަހު އާސެނަލްއާ އެކު އޮޒިލް ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ރިޕޯޓްތައް ބުނާ ގޮތުން ޖެނުއަރީ ޓްރާންސްފާގައި އޮޒިލް ވިއްކާލުމަށް އެ ކްލަބް އޮތީ ތައްޔާރަށެވެ. ޖެނުއަރީ ޓްރާންސްފާގައި އޮޒިލް ވިއްކާލާ ނަމަ އާސެނަލް އަށް ފައިސާ ލިބޭއިރު، މި ސީޒަނަށް ފަހު އޭނާ އެހެން ކްލަބަކަށް ދާނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ.
ޝާލްކޭ އިން 2006 ވަނަ އަހަރު ކެރިޔަރު ފެށި އޮޒިލް ވިދާލީ 2010 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ހިސާބުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު ހަތަރު ސީޒަނުގައި 159 މެޗު ކުޅެ، 27 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާކަޕް ވެސް ކާމިޔާބުކޮށްފައެވެ.
ރެއާލް ދޫކޮށްލުމަށް ފަހު އޮޒިލް އާސެނަލް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު ހަތަރު ސީޒަނުގައި 167 މެޗު ކުޅެ، 32 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.