ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށް ކޮލިފައިވުމާ ގާތަށް އެ ޓީމު ޖެހިލިއިރު އެފްސީ ބަސެލް ވެސް މޮޅުވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް "އޭ"ގައި ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވެފައި ވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ޔުނައިޓެޑުން މުޅި މެޗު ވެސް ކޮންޓްރޯލްކޮށް ރަނގަޅު ކުޅުމެއް ދެއްކިއިރު ބެންފީކާއަށް ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނާލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް އެއްވެސް ޓީމަކަށް މިހާފުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ޔުނައިޓެޑުން ވަނީ މެޗުގެ ކޮންޓްރޯލް ދަމަހައްޓައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން ޔުނައިޓެޑްގެ ހަމައެކަނި ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ކުޅުންތެރިޔާ މާކަސް ރަޝްފޯޑެވެ. މި ލަނޑަކީ ބެންފީކާގެ ޒުވާން ކީޕަރަށް ހެދުނު ގޯހެއްގެ ސަބަބުން އެ ޓީމުގެ ކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަށް ފަހު ބެންފީކާއިން ކުޅުން ރަނގަޅު ކުރި ނަމަވެސް އެ ޓީމަށް ނަތީޖާ ބަދަލުކޮށްލެވިފައެއް ނުވެއެވެ.
މި ގްރޫޕުގެ ދެވަނަ މެޗުގައި ސުވިޒަލޭންޑުގެ އެފްސީ ބަސެލްއިން ވަނީ ރަށުން ބޭރުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބަސެލްއިން އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފި ކަމުގައި ވިޔަސް ސީއެސްކޭއޭ މޮސްކޯއަށް އެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. ސީއެސްކޭއޭ މޮސްކޯއަށް ބަސެލްގެ ގޯލާ އަމާޒުވާ ގޮތަކަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މި މެޗުގައި ބަސެލްއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ޓޯލެންޓާ ޒާކާއެވެ. މި ލަނޑަށް ފަހު ސީއެސްކޭއޭ މޮސްކޯއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު ފުރަތަމަ ހާފު ނިމިފައި ވަނީ 1-0 އަކުން ބަސެލް ކުރީގައި އޮވެގެންނެވެ. ބަސެލްގެ ދެވަނަ ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޓޯލެންޓް ޒާކާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ޖަހައިދިނީ ޑިމިޓްރީ އޮބާލިންއެވެ.
މި ގްރޫޕުގައި ހުރިހާ ޓީމެއް ވެސް ތިން މެޗު ކުޅެފައިވާއިރު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ބަސެލް އޮތްއިރު ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސީއެސްކޭއޭ މޮސްކޯއެވެ. އަދި މި ގްރޫޕުގެ ފުލުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ބެނެފީކާއެވެ.