ކްރެމްލިން ކަޕް ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން ރަޝިއާގެ މާރިއާ ޝަރަޕޯވާ ކަޓައިފި އެވެ.
މިމުބާރާތުގެ ފުރަތަމަ ބުރުން ޝަރަޕޯވާ ކަޓާފައިމިވަނީ، 2015 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މުބާރާތެއް ކާމިޔާބު ކުރިތާ ތިން ދުވަސްވެސް ނުވަނީހެވެ.
ކްރެމްލިން ކަޕުން ޝަރަޕޯވާ ކެޓީ، ފުރަތަމަ ބުރުގައި ސްލޮވާކިއާގެ މެގްދަލޭނާ ރައިބަރިކޯވާ އަތުން 7-6 (7-3)، 6-4 ން ބަލިވެގެންނެވެ. މިއީ ހަތް ދުވަހުގެ ތެރޭގައި ޝަރަޕޯވާ ކުޅުނު ފަސްވަނަ މެޗެވެ.
މިއީ 10 އަހަރުގެ ތެރޭގައި ރަޝިއާގެ މޮސްކޯގައި ޝަރަޕޯވާގެ ފުރަތަމަ ޓުއަރ މެޗެވެ.
ޝަރަޕޯވާ ވަނީ ޓިއަންޖިންގ އޯޕަން ޓެނިސް މުބާރާތް މިދިޔަ އާދީއްތަ ދުވަހު ކާމިޔާބު ކޮށްފައެވެ.
ޓިއަންޖިންގ އޯޕަން އަކީ މަނާ ބޭސް ބޭނުން ކުރިކަން ސާބިތުވުމާއި ގުޅިގެން 15 މަސް ދުވަހުގެ ސަސްޕެންޝަނަކަށް ފަހު އެނބުރި އައިސް ޝަރަޕޯވާ ކާމިޔާބު ކުރި ފުރަތަމަ މުބާރާތެވެ.
ދުނިޔޭގެ 57 ވަނަ އަށް ރޭންކް ކޮށްފައިވާ ޝަރަޕޯވާ އަށް ކްރެމްލިން ކަޕްގައި ވާދަކުރުމުގެ ވައިލްޑްކާޑް ލިބުނުއިރު، މިއީ ސަސްޕެންޝަނަށްފަހު މިދިޔަ އޭޕްރީލް މަހު ޑަބްލިއުޓީއޭ ޓުއަރ އަށްނިކުތް ފަހުން ޝަރަޕޯވާގެ 8 ވަނަ މުބާރާތެވެ.
ވިމްބަލްޑަންގެ ސެމީ ފައިނަލްގައި ވާދަކުރި ރައިބަރިކޯވާ ރޭންކް ކޮށްފައިވަނީ ދުނިޔޭގެ 26 ވަނާގައެވެ.