ޔުއެފާ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް އާރްބީ ލީޕްޒިގް މޮޅުވިއިރު އޭއެސް މޮނާކޯ ބަލިވެއްޖެއެވެ.
ލީޕްޒީގްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިއަހަރު ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން އަންނަ އިރު އެ ޓީމުން ވަނީ އެފްސީ ޕޯޓޯ ބަލިކޮށް ޔޫރަޕުގެ ފުޓްބޯޅައިގައި ފުރަތަމަ މޮޅު ހޯދާފައެވެ. އަމިއްލަ ދަނޑުގައި ލީޕްޒީގްއިން އެފްސީ ޕޯޓޯ ބަލިކޮށްފައި ވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. މި މެޗުގައި ފެނިގެން ދިޔަ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ލީޕްޒީގްއިންނެވެ. ފުރަތަމަ ހާފުގެ އަށް ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައި ދިނީ ވިލް އޯބާންއެވެ. އޭގެ 10 މިނެޓު ފަހުން ޕޯޓޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ ފޮވާޑް ވިންސެންޓް އަބޫބަކުރުއެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލީޕްޒީގްއިން އަލުން އަނބުރާ ލީޑު ނެގީ 38 ވަނަ މިނެޓުގައެވެ. މާސެލް ސެބިޓްޒާގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ޖަހައިދިނީ އެމިލް ފޯޒްބާގްއެވެ.
ލީޕްޒިގްގެ ތިންވަނަ ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައި ދިނީ ޖީން ކެވިން އޮގަސްޓިންއެވެ. އެހެނަސް އޭގެ ތިން މިނެޓު ފަހުން އިވާން މަކާނޯ ވަނީ ހެކްޓާ ހެރޭރާގެ އެހީތެރިކަމާއެކު ލަނޑެއް ޖަހާ ޕޯޓޯއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ފުރަތަމަ ހާފު ތިން ލަނޑު ދެ ލަނޑުން ޕޯޓޯގެ މައްޗަށް ލީޕްޒީގް ކުރީގައި އޮވެގެން ނިމުނުއިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެހެނަސް އެއްވެސް ޓީމަކަށް ނަތިޖާ ބަދަލު ކޮށްލެވިފައެއް ނުވެއެވެ.
85'- Monaco 1-2 #Beşiktaş
— Beşiktaş JK English (@BesiktasEnglish) October 17, 2017
Hang in there boys, you are making history! #UCL #EqualGame pic.twitter.com/TGM0R5FDy2
މި ގްރޫޕުގެ ދެވަނަ މެޗުގައި ފްރާންސްގެ ޗެމްޕިއަން މޮނާކޯ ވަނީ އަމިއްލަ ދަނޑުގައި ދެ ލަނޑު އެއް ލަނޑުން ތުރުކީގެ ބެސިކްޓާސް އަތުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ރަޑަމެއަލް ފަލްކާއޯއެވެ. އެހެނަސް އޭގެ ހަތަރު މިނެޓު ފަހުން ސެންކް ޓޯސަން ވަނީ ލަނޑެއް ޖަހާ ބެސިކްޓާސްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ބެސިކްޓާސް އިން މެޗުގެ ލީޑު ނެގީ 54 ވަނަ މިނެޓުގައި ސެންކް ޓޯސަން ޖަހައިދިން ލަނޑުންނެވެ.
މި ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ތިން މެޗު ކުޅެފައިވާއިރު އެއްވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ބެސިކްޓާސްއެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ލީޕްޒީގް އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އެފްސީ ޕޯޓޯއެވެ. އަދި މި ގްރޫޕުގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ މޮނާކޯއެވެ.