އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި އެވެ.
ސްޓާގެ ކޯޗުގެ މަގާމުން ޝޭކްސްޕިއަރ ވަކިކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ ދާއިމީ ކޮންޓްރެކްޓެއްގައި ސޮއި ކުރިތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހު ވެސްޓް ބްރޮމްއާ ބައްދަލުކޮށް1-1 އިން އެއްވަރުވި މެޗަށް ފަހު، ލެސްޓާގެ ކޯޗުގެ މަގާމުން ޝޭކްސްޕިއަރ ވަކިކުރިކަން އިޢުލާން ކުރުމަށް އަންގާރަ ދުވަހު އެކްލަބުން ނެރުނު ބަޔާނުގައި ވަނީ، ފާއިތުވި ދުވަސްތަކުގައި ފެނިގެންދިޔަ ނަތީޖާތަކަށް ބަލާއިރު، ކްލަބުގެ ސަޕޯޓަރުންނާއި ބޯޑުން އަދި ކްލަބުގެ ވެރިން ގެންގުޅޭ ދިގުމުއްދަތުގެ އަމާޒުތަކަށް ވާސިލްވުމަށް މިއީ މަޖުބޫރު ބަދަލެއް ކަމަށެވެ.
ޝޭކްސްޕިއަރ މަގާމުން ވަކި ކުރިއިރު، މިސީޒަނުގައި ލެސްޓާ އިން ހޯދަމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެއްވެސް މެޗަކުން ލެސްޓާ މޮޅުވެފައެއް ނުވެއެވެ. ލީގުގައި ކޮންމެ ޓީމެއް ވެސް މިހާތަނަށް އަށް މެޗު ކުޅެފައިވާއިރު، ލެސްޓާ އޮތީ އެއް މެޗުން މޮޅުވެ، ތިން މެޗު އެއްވަރުވެގެން، ހަ ޕޮއިންޓާއެކު ލީގުގެ ފުލުން ތިން ވަނާގައެވެ.
މިސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓާ ހަމައެކަނި މޮޅުވެފައި ވަނީ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ބްރައިޓަން އަތުންނެވެ. އެމެޗު ލެސްޓާ ކާމިޔާބު ކުރީ 2-0 އިންނެވެ.
ޝޭކްސްޕިއަރ އެންމެ ފުރަތަމަ ލެސްޓާއާ ހަވާލުވެފައި ވަނީ، އެކްލަބަށް 2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކޮށްދިން ކޯޗު ކްލައުޑިއޯ ރަނިއޭރީގެ ބަދަލުގައި މިދިޔަ ފެބްރުއަރީ މަހު އެވެ. އެހެންނަމަވެސް، ފެބްރުއަރީ މަހު އޭނާ ކްލަބާ ހަވާލުވީ ވަގުތީ ކޮންޓްރެކްޓެއްގެ ދަށުންނެވެ.
ވަގުތީ ކޮންޓްރެކްޓެއްގައި ކްލަބާ ހަވާލުވެ ޝޭކްސްޕިއަރ ވަނީ މިދިޔަ ސީޒަނުގައި ލެސްޓާ ކުޅުނު ފަހު 16 މެޗުގެ ތެރެއިން 8 މެޗު ކާމިޔާބުކޮށްދީ، ރެލިގޭޝަނުން ސަލާމަތް ކޮށްދީފައެވެ. ރެލިގޭޝަނުގެ ބިރު ހީވެފައި އޮތް ލެސްޓާ، ޝޭކްސްޕިއަރގެ އިރުޝާދުގެ ދަށުން ސީޒަން ނިންމާލީ ތާވަލްގެ 12 ވަނައިގައި އޮވެގެންނެވެ. މީގެ އިތުރުން ޝޭކްސްޕިއަރގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ލެސްޓާ ޖާގަ ހޯދި އެވެ. ޖޫން މަހު އޭނާ އަށް ދާއިމީ ކޮންޓްރެކްޓެއް ދިނުމަށް ކްލަބުގެ ބޯޑުން ނިންމީ މިދިޔަ ސީޒަނުގެ ފަހު ބައިގައި ޝޭކްސްޕިއަރގެ އިރުޝާދުގެ ދަށުން ލެސްޓާ ހޯދި ކުރިއެރުންތަކަށް ބެލުމަށް ފަހުގައެވެ.
ޝޭކްސްޕިއަރ މަގާމުން ދުރުކުރުމާއެކު ވަގުތީ ގޮތުން ކްލަބަށް އިރުޝާދު ދޭނީ އެކްލަބުގެ އެސިސްޓެންޓް ކޯޗު މައިކަލް އެޕަލްޓަން އެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓާ އަށް ދެން އެންމެ އަވަހަށް އޮންނާނީ، އަންނަ ހޮނިހިރު ދުވަހު ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.