ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 07:21
އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ
އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ
ގޯލް.ކޮމް
މޮރީނިއޯ
ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި
"ޔުނައިޓެޑާއެކު 5 އަހަރުގެ ކޮންޓްރެކްޓެއް ހަދާކަށް ނޫޅެން. ޕީއެސްޖީ އަށް ދާކަށް ވެސް ނޫޅެން"
މޮރީނިއޯ އާއި ޔުނައިޓެޑްގެ ވައިސް ޗެއަރމަން ވުޑްވަޑްއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް ރިޕޯޓްތައް ބުނޭ

ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) ގެ ކޯޗުގެ މަގާމާއި ގުޅެން އުޅޭ ކަމަށް ފެތުރޭ އަޑުތަކަށް، މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ރައްދުދީފި އެވެ.

ޕޯޗުގަލް އަށް ނިސްބަތްވާ މޮރީނިއޯ މިދިޔަ އާދީއްތަ ދުވަހު ފްރާންސްގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ވަނީ، އޭނާގެ ކެރިއަރު ނިންމާލާނީ މެންޗެސްޓަރ ޔުނައިޓެޑްގައި ނޫން ކަމަށް ބުނެފައެވެ. އަދި އޭނާއަކީ އާކަންކަން ތަޖުރިބާކުރަން ބޭނުންވާ، އަދި މުސްތަޤްބަލަށް އުއްމީދު ބޮޑު ކޯޗެއް ކަމަށް މޮރީނިއޯ ބުނެފައި ވެއެވެ.

ފްރާންސްގެ ޓީވީގައި ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން މޮރީނިއޯ އަންގާރަ ދުވަހު ބުނީ، އޭނާ ޔުނައިޓެޑް ދޫކޮށްލަން އަދި ނޫޅޭ ކަމަށެވެ.

މޮރީނިއޯ ބުނީ، ޔުނައިޓެޑާ އެކު ފަސް އަހަރުގެ އައު ކޮންޓްރެކްޓެއްގައި ސޮއި ކުރަން ނޫޅޭ ކަމަށާއި، އަދި ޕީއެސްޖީއާ ހަވާލުވުމަށް ޔުނައިޓެޑް ދޫކޮށް ދާން ނޫޅޭ ކަމަށެވެ.

އާދީއްތަ ދުވަހު ފްރާންސްގެ ޓީއެފްވަންގެ ޓެލެފުޓް އަށް ދިން އިންޓަވިއުގައި މޮރީނިއޯ ވަނީ ފްރާންސްގެ ޕީއެސްޖީ އަށް ތައުރީފްކޮށްފައެވެ. އެގޮތުން ލަންޑަންގައި ދިރިއުޅޭ އޭނާގެ ދަރިފުޅު، ޔުނައިޓެޑްގެ މެޗެއް ބެލުމަށް މެންޗެސްޓަރ އަށް ދިއުމުގެ ބަދަލުގައި، އޭނާ ދިޔައީ ޕީއެސްޖީގެ މެޗެއް ބެލުމަށް ފްރާންސްގެ ޕެރިހަށް ކަމަށް އޭނާ އެ އިންޓަވިއުގައި ބުނެފައި ވެއެވެ.

އެއިންޓަވިއު އަށް ފަހު ޔުއޭފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، އިނގިރޭސި މީޑިއާ އަށް ސުވާލުގެ ޖަވާބު އެނގޭނެ ކަމަށެވެ.

"ސަބަބަކީ އެއް ދުވަހު (އިނގިރޭސި މީޑިއާ އިން) ބުނާނެ އަހަރެން ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރަނީ އޭ. ސީޒަނަކަށް އެއް ބިލިއަން ޕައުންޑަށް، އަދި ޖެހިގެން އަންނަ ދުވަހު ބުނާނެ އަހަރެން ކްލަބު ދޫކޮށްލަނީ އޭ. އަހަރެން ޕީއެސްޖީ އަށް ދަނީ އޭ. އަހަންނަށް ހީވަނީ އެއީހެން ޖަވާބަކީ. ޖަވާބަކީ އެދެކަމުން ކުރެ އެއްވެސް ކަމެއް ނުހިނގައޭ،" މޮރީނިއޯ ބުންޏެވެ.

މިހާތަނަށް ހަތް ކްލަބަކަށް އިރުޝާދު ދީފައިވާ މޮރީނިއޯ ޔުނައިޓެޑަށް އިރުޝާދު ދޭ މިއީ ދެވަނަ ސީޒަނެވެ. އޭނާގެ ކެރިއަރުގައި އަދި މިހާތަނަށް އެއްވެސް ކްލަބެއްގައި ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު މަޑުކޮށްފައެއް ނުވެއެވެ.

ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑާ ހަވާލުވެ، މިދިޔަ ސީޒަނުގައި މޮރީނިއޯ ވަނީ އެކްލަބަށް އިނގިރޭސި ފުޓްބޯޅަ ލީގް ކަޕާއި ޔުއޭފާ ޔޫރޮޕާ ލީގް ކާމިޔާބު ކޮށްދީފައެވެ. އަދި މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް އަންނަނީ މިސީޒަނުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި މިސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް އޮތީ ލީގު ތާވަލްގެ ދެވަނާގައެވެ.

މިއީ އެކްލަބުގެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން ރިޓަޔަރ ކުރި ފަހުން، އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑުން ލީގަށް އެންމެ ބޮޑަށް ވާދަކުރާ ފަހަރެވެ. އެހެންނަމަވެސް ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއަރމަން އެޑްވުޑްވާޑް އާއި މޮރީނިއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މޮރީނިއޯ އެކްލަބު ދޫކޮށްލަފާނެ ކަމަށް ވަނީ ބެލެވިފައެވެ.

މޮރީނިއޯއަކީ ޔޫރަޕްގައި މިވަގުތު ތިބި ކޯޗުންގެ ތެރެއިން އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ އެފްސީ ޕޯޓޯ އަށް ޕޯޗުގަލް ލީގު ދެ ފަހަރު، އަދި ޔުއެފާ ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން ޗެލްސީ އާއެކު އިނގިރޭސި ޕްރިމިއަރ ލީގާއި އިނގިރޭސި ފުޓްބޯޅަ ލީގް ކަޕް ތިން ފަހަރު، އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށް، އިޓަލީގެ އިންޓަރ މިލާނާއެކު އިޓާލިއަން ލީގު ދެފަހަރު، އަދި އިޓާލިއަން ކަޕާއި ޔުއޭފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކޮށްފައެވެ. މެންޗެސްޓަރ ޔުނައިޓެޑާއި ހަވާލު ވުމުގެ ކުރިން މޮރީނިއޯ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގާއި ސްޕެނިޝް ކޮޕަ ޑެލް ރޭ އެއް ފަހަރު ކާމިޔާބު ކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް