އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކުރުމަށް ޔޫރަޕަށް ނިސްބަތްވާ ގައުމުތަކުން ކުޅެންޖެހޭ ޕްލޭއޯފްގެ މެޗުތައް ކަށަވަރުވެއްޖެއެވެ.
ޔޫރަޕުގެ ވޯލްޑްކަޕް ކޮލިފައިންގައި ނުވަ ގްރޫޕެއްގައި 54 ޓީމަކުން ވާދަކުރިއިރު، އެ ގްރޫޕުތަކުގެ އެއްވަނައަށް ދިޔަ ޓީމުތަކަށް ވޯލްޑް ކަޕްގެ އޮޓަމެޓިކް ޖާގައެއް ލިބުނެވެ. އެގޮތުން ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް އާއި ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނާއި، ފްރާންސް، ސާބިއާ، ޕޮލެންޑް، އިންގްލޭންޑް، ސްޕެއިން، ބެލްޖިއަމް އަދި އައިސްލޭންޑް ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
ޔޫރަޕުގެ ކޮލިފައިންގ ރައުންޑްތަކުގައި ގްރޫޕުތަކުގެ ދެވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި އަށް ޓީމަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބެން އޮތީ ޕްލޭއޯފް މެޗުތައް ކުޅެގެންނެވެ. އެގޮތުން ހޯމް އެންޑް އަވޭގެ އުސޫލުން ކޮންމެ ޓީމެއް ވެސް އަމިއްލަ ގައުމުގައި އަދި ރަށުން ބޭރުގައި މެޗެއް ކުޅެން ޖެހޭއިރު ވޯލްޑް ކަޕްގެ ޖާގަ ލިބޭނީ އެގްރިގޭޓުން ކުރި ލިބޭ ޓީމުތަކަށެވެ.
ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ޕްލޭއޯފްގެ ގުރު ނަގާފައިވާއިރު ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ ވާދަކުރަން ޖެހެނީ ސްވިޑެންއާއެވެ. ޑެންމާކުން ރިޕަބްލިކް އޮފް އަޔަލޭންޑާއި ދެކޮޅަށް ނުކުންނައިރު ކްރޮއޭޝިއާއިން ނުކުންނާނީ 2004 ވަނަ އަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ގްރީސްއާ ދެކޮޅަށެވެ. ޔޫރަޕުގެ ވޯލްޑް ކަޕް ކޮލިފައިންގެ އެންމެ ފަހު ޖާގަ ކަށަވަރު ކުރުމަށް ނޮދާން އަޔަލޭންޑުން ނުކުންނާނީ ސުވިޒަލޭންޑާއި ދެކޮޅަށެވެ. ގްރޫޕުގެ ދެވަނަ ކަށަވަރުކުރި ނަމަވެސް ސްލޮވާކިއާއަށް ޕްލޭއޮފްގެ ޖާގައެއް ގެއްލުނީ އެ ޓީމުން ގްރޫޕް ސްޓޭޖުގައި ނެރުނު ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ.
މި ޓީމުތައް ވާދަކުރާ މެޗުތަކުގެ ފުރަތަމަ ލެގު ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ކުޅެން ނިންމާފައިވާއިރު ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމުގެ ތެރެއިން 23 ޓީމު މިހާތަނަށް ވަނީ ކަށަވަރު ވެފައެވެ. އެގޮތުން މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރަޝިއާ އާއި ޔޫރަޕުން ކޮލިފައިވި ޓީމުތަކުގެ އިތުރުން ވޯލްޑް ކަޕުގައި އަންނަ އަހަރު ވާދަކުރާނެ ޓީމުތަކަކީ އެފްރިކާ ބައްރުން ނައިޖީރިއާ އާއި މިސްރުއެވެ. އަދި އޭޝިއާ ބައްރުން އިރާން، ދެކުނު ކޮރެއާ، ޖަޕާން އަދި ސައުދީ އަރަބިއްޔާއެވެ. އުތުރު އަދި މެދުތެރޭ އެމެރިކާގެ ގައުމުތަކުގެ ތެރެއިން މެކްސިކޯ، ކޮސްޓަރިކާ އަދި ޕެނަމާއެވެ. ދެކުނު އެމެރިކާއިން ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ އާޖެންޓީނާ އާއި ބްރެޒިލްގެ އިތުރުން ކޮލޮމްބިއާ އާއި އުރުގުއޭއެވެ.