ޓޮޓެންހަމް ހޮޓްސްޕާ އަކީ ކުޅެން ވަރަށް އުނދަގޫ ޓީމެއް ކަމަށާއި މިރޭގެ މެޗު ފަސޭހަ ނުވާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މިރޭ ޓޮޓެންހަމްއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޒިދާން ބުނީ، ޓޮޓެންހަމް އަކީ ދަނޑުމަތީގައި ހިތްވަރުކޮށް އިދިކޮޅު ޓީމު ޕްރެޝަރަށް ވައްޓާލާ ފެންވަރުގެ މޮޅު ކުޅުމެއް ކުޅޭ ޓީމެއް ކަމަށެވެ.
"މިރޭގެ މެޗަށް ތައްޔާރަށް މި ތިބީ. ނަމަވެސް އަހަރެމެންގެ ޓީމުގެ އެންމެ މުހިންމު އެއްކުޅުންތެރިޔާ ގެރެތް ބޭލް ނެތި ކުޅެން ޖެހުމުން އެހެން ކުޅުންތެރިން ޖެހޭނެ އިތުރަށް މަސައްކަތްކޮށް ހިތްވަރު ކުރަން،" ޒިދާން ބުންޏެވެ.
އޭނާ ބުނީ، ރެއާލްގެ ތަޖުރިބާކާރު ކުޅުންތެރިއާ ގެރެތްބޭލްގެ އިތުރުން ކޮވަސިޗް އަދި ކަވަހާލްއަށް ވެސް މިރޭގެ މެޗުގެ ޔަގީން ކަމެއް ނެތް ކަމަށެވެ.
ޒިދާން ބުނީ، ހުރިހާ ގޮތަކުން ބެލި ނަމަވެސް ޓޮޓެންހަމް ވަރަށް ވަރުގަދަ ކަމަށާއި ޓޮޓެންހަމް އާ ދެކޮޅަށް ކުޅޭ މެޗަކީ ރެއާލް އަށް އެންމެ އުނދަގޫ އެއް މެޗަށް ވާނެ ކަމަށެވެ.
"ޓޮޓެންހަމް އަކީ އިނގިރޭސި ލީގުގެ ވަރުގަދަ ބާރެއް. ލީގުގައި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ވެސް ވަރުގަދަކޮށް ފެންނަ އެޓީމު ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފަ،" ޒިދާން ބުންޏެވެ.
މި މެޗަށް ނުކުންނައިރު ރެއާލް އަދި ޓޮޓެންހަމް އަށްވެސް ވަނީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ދެ މެޗު ކުޅެ ދެމެޗުން ވެސް މޮޅުވެފައެވެ. އެހެން ކަމުން ކޮންމެ ޓީމަކަށްވެސް 6 ޕޮއިންޓް ލިބޭއިރު ރެއާލްއަށް ގުރޫޕުގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. އެގޮތުން ގުރޫޕުގެ އެއްވަނާގައި ރެއާލް އޮތްއިރު ދެވަނަގާގައި އޮތީ ޓޮޓެންހަމްއެވެ.
މިވަގުތު ގުރޫޕުގެ އެއްވަނައިގައި ރެއާލް އޮތް ނަމަވެސް މިރޭގެ މެޗުން ޓޯޓެންހަމް މޮޅުވެއްޖެނަމަ އެޓީމަށް ގުރޫޕުގެ އެއްވަނަ ލިބިގެން ދާނެއެވެ.
ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ޓޮޓެންހަމް ބައްދަލު ކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 23:45 ގައެވެ. މި މެޗު ކުޅެވޭނީ ރެއާލްގެ ސަންޓިއާގޯ ބާނަބިއުގައެވެ.