ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ބާސާއަށް ކުޅެމުން އަންނަ އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އަދި ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ކެޕްޓަން އަށްވުރެ އުހުގައި ކަމަށް ދާދި ފަހުން ކުޅުން ހުއްޓާލި ލެޖެންޑް ފްރެންސިސްކޯ ޓޮޓީ ބުނެފިއެވެ.
ފީފާ ޑޮޓްކޮމް އަށް ދިން އިންޓަވިއުއެއްގައި ޓޮޓީ ބުނީ ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ މެސީ އަދި ނޭމާ އަށްވުރެ އުހުގައި ހުރީ ރޮނާލްޑޯ ކަމަށާއި، އޭނާ ވަނީ ސީޒަނުގައި ކްލަބަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީފަކަމަށެވެ.
އޭނާ ބުނީ ރޮނާލްޑޯ އަށް މޮޅު ކުޅުންތެރިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށާއި، އެންމެ މޮޅު ކޯޗުގެ މަގާމު ލިބޭނެކަމަށް ލަފާކުރެވެނީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއަށް ކަމަށެވެ. އެގޮތުން ޓޮޓީ ބުނީ ޒިދާން އަށް އެ ކާމިޔާބީ ލިބެން ޖެހެނީ ރޮނާލްޑޯ އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބެންޖެހޭ ސަބަބުތަކަށްޓަކައެވެ.
މޮޅު ގޯލު ކީޕަރާ ބެހޭގޮތުން ވާހަކަދައްކަމުން ޓޮޓީ ބުނީ އެ އެވޯޑަށް ވާދަކުރާނެކަމަށް ލަފާކުރެވެނީ ގަލިއާނީ ބުފޮން އާއި ކޭލޯ ނަވާސް ކަމަށެވެ. އޭނާ ބުނީ އިންޑިވިޖުއަލްކޮށް އަދި އެނޫންވެސް ގޮތްތަކަށް ބަލާފައި އެވޯޑް އެންމެ ހައްގީ އިޓަލީގެ އެއް ނަމްބަރު ކީޕަރު ބުފޮން އަށް ކަމަށެވެ.
މިދިޔަ އަހަރުގެ ބެލޮންޑޯ އެވޯޑުވެސް ރޮނާލްޑޯ އަށް ލިބުނު އިރު، ނޭމާ އަށް ތިންވަނާގައިވެސް ހިމެނިފައެއް ނުވެއެވެ. އެހެން ނަމަވެސް ދެވަނަ ލިބިފައިވަނީ ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އެވެ.
ނިމިގެންދިޔަ އަހަރު މެސީ އާއި ނޭމާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ބާސާއާ އެކު ހޯދި ސްޕެނިޝް ކަޕެވެ. އިތުރު އެއްވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
ދެހާސް އަށްވަނަ އަހަރުން ފެށިގެން ބެލޮންޑޯ އެވޯޑު ހޯދަމުންދިޔައީ މެސީ ނުވަތަ ރޮނާލްޑޯ އެވެ. ރޮނާލްޑޯ 2008،2013 އަދި 2014 އަދި 2016ގެ ބެލޮންޑޯ އެވޯޑު ގެންދިޔަ އިރު، މެސީ އެ އެވޯޑު ގެންގޮސްފައި ވަނީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު އެވެ.
ދުނިޔޭގެ ގިނަބަޔަކު ޔަގީން ކުރާގޮތުން މިފަހަރުގެ ބެލޮންޑޯ އެވޯޑް ލިބުން އެނެމް ހައްޤު ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.