ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 16:45
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު - ރާއްޖެއަށް މިފަހަރު ލިބިފައިވަނީ ސާފް ސަރަހައްދުގެ ދެވަނަ
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު - ރާއްޖެއަށް މިފަހަރު ލިބިފައިވަނީ ސާފް ސަރަހައްދުގެ ދެވަނަ
މުހައްމަދު ޝަރުހާން
ފީފާ ރޭންކިން
ރާއްޖެއަށް ދެ ދަރަޖައިގެ ވެއްޓުމެއް، ސްޕެއިން ގަދަ 10 އަކަށް
ރާއްޖެއަށް މިފަހަރު ލިބިފައިވަނީ 156 ވަނަ، މިއީ 2 ދަރަޖައިގެ ވެއްޓުމެއް
މި ސަރަހައްދުގެ އެއްވަނަ ލިބެނީ 105 ވަނައިގައި ރޭންކް ކުރެވިފައި އޮތް އިންޑިއާއަށް
ސްޕެއިން އިން ވަނީ ތިން ދަރަޖައިގެ ކުރިއެރުމަކާއެކު އަށް ވަނައަށް ޖެހިލާފަ

އޮކްޓޯބަރު މަހު ނެރުނު ފީފާ ރޭންކިންގައި ރާއްޖެ ދެ ދަރަޖަ ވެއްޓުނު އިރު ސްޕެއިން ގަދަ 10 އަކުން ޖާގަ ހޯދައިފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ރޭންކިންގައި ރާއްޖެއަށް މިފަހަރު ލިބިފައިވަނީ ދެ ދަރަޖައިގެ ވެއްޓުމަކާއެކު 156 ވަނައެވެ. މި ސަރަހައްދުގެ އެއްވަނަ މިފަހަރު ވެސް އަވަށްޓެރި އިންޑިއާއިން ހޯދިއިރު ސާކްގެ ގައުމުތަކުގެ ތެރެއިން އެންމެ ދަށުން ރޭންކް ކުރެވިފައިވަނީ ޕާކިސްތާނެވެ. އެގޮތުން 105 ވަނައިގައި އިންޑިއާ ރޭންކް ކުރެވުނުއިރު ޕާކިސްތާން ރޭންކް ކުރެވިފައި ވަނީ 201 ވަނައިގައެވެ. އަފްޢާނިސްތާނަށް 154 ވަނަ ލިބޭއިރު 176 އަދި 179 ގައި ރޭންކް ކުރެވިފައި ވަނީ ނޭޕާލް އާއި ބޫޓާންއެވެ. 196 ވަނައިގައި ބަންގްލަދޭޝް އޮތްއިރު 198 ވަނައިގައި އޮތީ ސްރީލަންކާއެވެ.

ފީފާ ރޭންކިންގެ އެއްވަނަ ޖަރުމަނުން ދިފާއުކުރި އިރު އެ ޓީމަށް ލިބިފައި ވަނީ 1631 ޕޮއިންޓެވެ. ރޭންކިންގެ ދެ ވަނައިން ފެށިގެން ހަ ވަނަ އާއި ހަމަޔަށް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު ފްރާންސްވަނީ އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ހަތް ވަނައަށް ޖެހިލާފައެވެ. މިދިޔަ މަހު ނެރުނު ރޭންކިންގެ 11 ވަނަ ލިބުނު ސްޕެއިން އިން ވަނީ ތިން ދަރަޖައިގެ ކުރިއެރުމަކާއެކު އަށް ވަނައަށް ޖެހިލާފައެވެ. ޕެރޫ ވެސް ވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ގަދަ 10 އެއްގެ ޖާގައެއް ހޯދާފައެވެ. ފީފާ ރޭންކިންގެ ގަދަ 10 އެއްގައި ދެން ހިމެނޭ ގައުމުތަކަކީ ޕޮލެންޑް، ޕޯޗުގަލް، އާޖެންޓީނާ، ޗިލީ، ބްރެޒިލް، ބެލްޖިއަމް އަދި ކޮލޮމްބިއާއެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 28 ވަނަ ލިބުނު ޓިއުނީޝިއާއެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކުރެވިފައި ވަނީ 16 ވަނައިގަ އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 34 ވަނައިގައި ރޭންކް ކުރެވިފައިވާ އީރާންއެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 122 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މި މަހު ނެރުނު ރޭންކިންގެ ވެސް އެންމެ ފުލުގައި އޮތީ ޓޮންގާއެވެ.

 

- ކޮމެންޓް