ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 16:27
ޓިއަންޖިންގ އޯޕަންގެ ޗެމްޕިއަން މާރިއާ ޝަރަޕޯވާ (ކ) އަދި ފައިނަލްގައި ވާދަކުރި އަަރީނާ ސަބަލެންކާ (ވ)
ޓިއަންޖިންގ އޯޕަންގެ ޗެމްޕިއަން މާރިއާ ޝަރަޕޯވާ (ކ) އަދި ފައިނަލްގައި ވާދަކުރި އަަރީނާ ސަބަލެންކާ (ވ)
އިންޑިއަން އެކްސްޕްރެސް
ޓިއަންޖިން އޯޕަން
ޓިއަންޖިންގ އޯޕަންގެ ޗެމްޕިއަންކަން ޝަރަޕޯވާ ހޯދައިފި
ޓިއަންޖިންގ އޯޕަން ޝަރަޕޯވާ ކާމިޔާބުކުރީ ފައިނަލްގައި ސަބަލެންކާގެ މައްޗަށް ކުރި ހޯދައިގެން
މިއީ 2015 އަހަރުގެ ފަހުން ޝަރަޕޯވާ ކާމިޔާބުކުރި ފުރަތަމަ މުބާރާތް
މިއީ ޝަރަޕޯވާގެ ކެރިއަރުގައި ކާމިޔާބު ކުރި 36 ވަނަ މުބާރާތް

ޓިއަންޖިންގ އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރަޝިއާގެ މާރިއާ ޝަރަޕޯވާ ހޯދައިފި އެވެ.

ދުނިޔޭގެ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޝަރަޕޯވާ މިމުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ބެލާރޫސްގެ 19 އަހަރުގެ އަރީނާ ސަބަލެންކާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗު ޝަރަޕޯވާ ކާމިޔާބު ކުރީ 7-5، 7-6 (10-8) އިންނެވެ.

މިއީ 2015 ވަނަ އަހަރުގެ ފަހުން 30 އަހަރުގެ ޝަރަޕޯވާ ކާމިޔާބު ކުރި ފުރަތަމަ މުބާރާތެވެ. މަނާ ބޭސް ބޭނުން ކުރިކަން ފަޅާއެރުމާއި ގުޅިގެން 15 މަސް ދުވަހުގެ ސަސްޕެންޝަނަކަށް ފަހު ޝަރަޕޯވާ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ.

މިއީ ފަސް ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ޝަރަޕޯވާގެ ކެރިއަރުގައި ކާމިޔާބުކުރި 36 ވަނަ މުބާރާތެވެ.

ސަސްޕެންޝަނުން އެނބުރި އައުމަށް ފަހު ފްރެންޗް އޯޕަންގެ ވައިލްޑްކާޑް ނުލިބި އެމުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލުނުއިރު، އަނިޔާގެ ސަބަބުން ވިމްބަލްޑަން ޓެނިސް މުބާރާތުގައި ޝަރަޕޯވާ ބައިވެރިވެފައެއް ނުވެއެވެ. އަދި ޔޫއެސް އޯޕަންގެ ހަތަރުވަނަ ބުރުން ވައިލްޑްކާޑް ލިބުނު ނަމަވެސް ޝަރަޕޯވާ ވަނީ ލެޓްވިއާގެ އެނަސްޓަސީޖާ ސެވަސްޓޯވާ އަތުން ބަލިވެފައެވެ.

ދުނިޔޭގެ ރޭންކިންގެ 86 ވަނާގައިވާ ޝަރަޕޯވާ  ޗައިނާގައި ބޭއްވި މުބާރާތުގައި ވާދަކޮށްފައިވަނީ ވައިލްޑްކާޑް ލިބިގެންނެވެ. މިކާމިޔާބީ އާއެކު ޝަރަޕޯވާ ވަނީ ދުނިޔޭގެ ރޭންކިންގެ 57 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.

- ކޮމެންޓް